ހަބަރު

ރާއްޖެ ކައިރިއަށް މިއަދު ބިންހެލުމެއް އައި، އެކަމަކު އޭގެ އަސަރެއް ނުކުރާނެ

ރާއްޖެ ހިމެނޭ ސަރަހައްދުން ޑިއެގޯ ގާސިއާ ކައިރިއަށް ބިންހެލުމެއް އައިކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓާ (މެޓް) އިން ހާމަކޮށްފި އެވެ. އެކަމަކު އޭގެ އަސަރެއް ނުކުރާނެ ކަމަށް އެ އިދާރާއިން ބުންޏެވެ. 

މެޓް އިން މައުލޫމާތު ދިން ގޮތުގައި މިއަދު މެންދުރު 1:28 އެހާ ކަންހާއިރު ރާއްޖެއާއި 766 މޭލު [1220] ކިލޭމީޓަރު ދުރުން، ކަނޑުގެ 10 ކިލޯމީޓަރު އަޑިއަށް ބިންހެލުން އައީ ރެކްޓަރު މިންގަނޑުން 5.0 ގެ ބާރުމިނުގަ އެވެ. ނަމަވެސް މީގެ ސަބަބުން ރާއްޖެއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އެ އޮފީހުން ބުންޏެވެ. ބިން ހެލުން އައި ސަރަހައްދާ އެންމެ ކައިރީގައި އޮންނަނީ އެމެރިކާގެ އަސްކަރީ ބޭސްއެއް ކަމަށްވާ، ޑިއެގޯ ގާސިއާ އެވެ. އެ ބިންހެލުމުގައި އެތަނަށް ވެސް އެއްވެސް ގެއްލުމެއް ނުލިބެ އެވެ.

"އާމުކޮށް ބިންހެލުން ނާންނަ ސަރަހައްދަކަށް ބިންހެލުން އައީ. ނަމަވެސް އޭގެ ސަބަބުން ރާއްޖެއަކަށް އެއްވެސް އަސަރެއް ނުކުރާނެ،" މެޓް އޮފީހުން ބުންޏެވެ.

އެއިދާރާއިން ބުނި ގޮތުގައި މި ބިންހެލުމާއި ގުޅިގެން ސުނާމީއެއްގެ ބިރެއް ވެސް ނެތެވެ. އަދި ސުނާމީގެ އިންޒާރެއްވެސް އެއްވެސް ފަރާތަކުން ނެރެފައެއް ނުވެ އެވެ.

އާންމުކޮށް ރެކްޓާ މިންގަނޑުން 5-7 އާ ދެމެދުގެ ބާރު މިނުގައި އަންނަ ބިން ހެލުންތަކުން ގިނަ ފަހަރަށް އެ ލޮޅުމުގެ އަސަރެއް ނުކުރެ އެވެ. ހަތަކަށް ވުރެ މައްޗަށް ގޮސްފި ނަމަ ބިންހެލުމުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ އެވެ. އަދި އެވަރުގެ ބާރު މިނުގެ ލޮޅުމެއް ކަނޑު އަޑިއަށް އައިސްފި ނަމަ، ސުނާމީއެއް އައުމުގެ ފުރުސަތު އޮންނާނެ އެވެ.