ހަބަރު

އުދައަރާނެ ކަމަށް ބެލެވޭ ތަންތަނުގައި ވެލި ބަސްތާ ޖަހަން ފަށައިފި

Sep 26, 2015

މާލޭގައި އުދަ އަރާނެ ކަމަށް ބެލެވޭ ސަރަހައްދުތައް ރައްކާތެރި ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ސިފައިން މިއަދު ފަށައިފި އެވެ.

ހޯމަ ދުވަހުގެ ރޭ ހިފާ ރަތް ކުލައިގެ ހަނދު ކޭތަ، ނޫނީ "ސުޕަ މޫން ލޫނާ އެކްލިޕްސް" އާ ގުޅިގެން ރާޅު ބާނިތައް ބޮޑުވެ ރާއްޖޭގެ 44 ރަށަކަށް އުދަ އަރާނެ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓުން ވަނީ ލަފާކޮށްފަ އެވެ.

ސިފައިން ބުނީ މާލޭގައި އެންމެ ބޮޑަށް އުދައަރާނެ ކަމަށް ބެލެވޭ އައިޖީއެމްއެޗް ހިމެނޭ ސަރަހައްދު ރައްކާތެރި ކުރުމަށް އެ ސަރަހައްދަށް ވެލި ބަސްތާ ޖަމާކޮށް މަސައްކަތް ފަށާފައިވާ ކަމަށެވެ. ސިފައިން ބުނީ އެހެން ސަރަހައްދުތަކަށް ވެސް ވެލިބަސްތާތައް ގެންގޮސް މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަތޮޅުތަކުގެ ރައްޔިތުންނަށް ވެސް އެހީތެރވުމަށް ކުރަން ޖެހޭ މަސައްކަތްތައް ވެސް ސިފައިން ފަށައިގެންފައިވާ ކަމަށް ބުންޏެވެ.

"އުދައަރާފާނެ ކަމަށް ލަފައިކޮށް ސަލާމަތީ ފިޔަވަޅު އެޅޫމަށް ހިނގާ އޮޕަރޭޝަންގެ ދަށުން މާލެ އަދި ވިލިމާލެ އެކިހިސާބުތަކުގައި ވެލިބަސްތާ ޖަމާކުރުމަށް ސިފައިން ހަރަކާތް ތެރިވި. އަދި ވީހާވެސް އަވަހަކަށް އެހެން ހަރަކާތްތަށް ވެސް ކުރިޔަށް ގެންދާނަން" ސިފައިންގެ ސްޕޯކްސްޕާސަން މޭޖާ އަދުނާނު މުހައްމަދު ވިދާޅުވި އެވެ.

ސިފައިން ހިނގާ އޮޕަރޭޝަންގެ ދަށުން މިއަދު ވަނީ ރާޅުގަނޑު ހިސާބުގަޔާއި ކާނިވާ ސަރަހައްދު އަދި އައިޖީއެމްއެޗް ހިސާބުގަނޑުގައި ގިނައަދަދެއްގެ ވެލި ބަސްތާ ޖަމާކޮށްފަ އެވެ.

މި މަހުގެ 26 ވަނަ ދުވަހުގެ ރެއިން ފެށިގެން 30 ވަނަ ދުވަހާ ހަމަޔަށް އުދައިގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ބެލެވޭތީ ފުލުހުން ވެސް މިއަދު ވަނީ ތައްޔާރީ ހާލަތަކަށް އައިސްފަ އެވެ. އުދަ އަރާނެ ކަމަށް ބެލެވޭ ރަށްތަކަށް ފުލުހުން ފޮނުވައި އެ ރަށްތަކުގެ ރައްޔިތުން ހިމާޔަތް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ރައްޔިތުންނާއި ކައުންސިލާ ގުޅިގެން ކުރުމަށް ޕޮލިސް ކޮމިޝަނަރުގެ މިއަދު ވަނީ ފުލުހުންނަށް އަންގަވައިފަ އެވެ.

އުދައިން ސަލާމަތްވުމަށް ރައްޔިތުންނަށް މައުލޫމާތު ދީ، އެކަމަށް ތައްޔާރުވުމަށް ކުރާ މަސައްކަތްތަކުގައި ފުލުހުން އަމަލީ ގޮތުން ބައިވެރިވުމަށް ވެސް ކޮމިޝަނަރު އަންގަވާފައިވެ އެވެ.

ކޭތަޔާ ގުޅިގެން އެންމެ ބޮޑަށް އުދަ އަރާނީ މި މަހުގެ 27 އަދި 28 ގައި ކަމަށް ޑިޒާސްޓާ އިން ލަފާ ކުރެ އެވެ.