ޝްރައްދާ ކަޕޫރު

ޝްރައްދާ ޝޫޓިންއަށް ފޮނުވަން ޝަކްތީ ބިރުން

ކޮރޯނާވައިރަހުގެ ވަބާގެ ބިރަށް އިންޑިޔާ ލޮކްޑައުންކޮށް ފިލްމު ޝޫޓިންގްތައް ހުއްޓާލާފައި އޮންނަތާ ދެ ތިން މަސް ފަހުން ލޮކްޑައުނަށް ލުއި ދޭން މިހާރު ވަނީ ފަށާފަ އެވެ. އެއާއެކު ފިލްމުތަކުގެ ޝޫޓިންގްތައް ފެށުމަށް ވެސް ދަނީ ތައްޔާރު ވަމުންނެވެ.

ނަމަވެސް ފިލްމީ ބަތަލާ ޝްރައްދާ ކަޕޫރުގެ ބައްޕަ ޝަކްތީ ކަޕޫރު ބުނާ ގޮތުގައި ލޮކްޑައުން އަށް ލުއި ދިނަސް އޭނާއެއް ބޭރަކަށް ނުނިކުންނާނެ އެވެ. އަދި ދަރިފުޅު ޝްރައްދާ ވެސް ޝޫޓިންގް އަކަށް ފިލްމު ސެޓު ތަކަކަށް ނުފޮނުވާނެ އެވެ. ސަބަބަކީ ކޮރޯނާވައިރަހުގެ ބިރު ދިޔަ ކަމަށް އޭނާ އަށް ގަބޫލު ނުކުރެވޭތީ އެވެ.

"އަހަންނަށް ހީވަނީ އަދި މި ބަލީގެ ނުރައްކާ ވާނީ ބޮޑުހެން. އަހަރެންގެ ދެބެން ގެއިން ބޭރަށް ފޮނުވާކަށް އަހަރެންގެ ހިތެއް ނުހުރޭ. އެހެންވެ އަހަރެން އެ ކުދިން ދިޔަކަ ނުދޭނަން. އަހަންނަށް ވެސް އެނގޭ މަސައްކަތް ވެސް މުހިއްމުކަން. ނަމަވެސް ފުރާނައަށް ވުރެ މުހިއްމެއް ނުވާނެ. މިހާރު ޝޫޓިން ފަށާނަމަ ވަރަށް ކަންތައް ގޯސް ވެދާނެ. އަހަރެން އިންޑަސްޓްރީ މީހުން ކައިރީގައި ވެސް މި ބުނަނީ ހޮސްޕިޓަލް ބިލްތަކަށް ފައިސާ ދެއްކުމަށްވުރެ އަދި ޝޫޓިންގްތައް ނުފަށައި ލަސްކޮށްލިއްޔާ މާ ރަނގަޅުވާނޭ. ހީނުކުރާހާ ބޭރުތެރެ އަދިވެސް ގޯސް،" ޝަކްތީ ބުންޏެވެ.

ޝަކްތީ އިތުރަށް ބުނި ގޮތުގައި އެއްވެސް ހޮސްޕިޓަލެއްގައި ހުސް އެނދެއް ނެތެވެ. އަދި ހޮސްޕިޓަލުތަކުން ފަރުވާ ހޯދާ މީހުން އަތުން ބޮޑެތި އަގުތައް ދަނީ ނަގަމުންނެވެ. ހޮސްޕިޓަލުގެ ބިލްތައް ނުދެއްކިގެން މީހުން އެނދާލާ ބަނދެފައި ބާއްވާ ވާހަކަ ވެސް ޚަބަރުތަކުން ފެންނަ ކަމަށާއި ދުނިޔެއިން އިންސާނިއްޔަތުކަން ގެއްލިއްޖެކަމަށާއި މިހާރު އޮތީ ވަރަށް ދެރަވަރު ހާލަތެއް ކަމަށް ޝަކްތީ ސިފަ ކުރި އެވެ.