ރިޕޯޓް

ކޮލަމްބޯ އޮޓޯ ޑްރައިވަރުން ދިވެހިންނަށް "ހޭނިއްޖެ"؟

Sep 27, 2015
5

އަވަށްޓެރި ގައުމުތަކުގެ ދަތުރުފަތުރުގައި އެންމެ މުހިންމު އެއް ވަސީލަތަކީ އޮޓޯ އެވެ. ނުވަތަ ދިވެހިން ކިޔާ ގޮތުން ނަމަ "ކުރޮޅި" އެވެ. ބޭރަށް ގޮސް އުޅޭ ގިނަ ދިވެހިން މިފަދަ އުޅަނދުތަކުގެ އެހީ ހޯދަ އެވެ. ނަމަވެސް ދިވެހިން އާންމުކޮށް ގޮސް އުޅޭ އަވަށްޓެރި ގައުމުތަކުގެ އޮޓޯ ޑްރައިވަރުން ދިވެހިންނަށް މި އޮންނަނީ "ހާއްސަ ކަމެއް" ދީފަ އެވެ. .. ނަމަވެސް ތަފާތު ގޮތަކުންނެވެ. ސަބަބަކީ ދިވެހިންގެ ހޭދަކުރުމުގެ ސްޓައިލެވެ. އެގޮތުން ކޮލަމްބޯގެ އޮޓޯ ދުއްވާ މީހުން ވެސް ދިވެހިން މި ވަނީ "ދަސްކޮށްފަ" އެވެ. އެ މީހުން ވެސް ދިވެހިންނަށް "ހޭނިއްޖެ" އެވެ.

"އޮޓޯ ދުއްވާ ގިނަ މީހުން ދެކެނީ ދިވެހިންނަކީ ބޮލެއް ނެތް ބައެއްގެ ގޮތުގައި. ބޭނުން ވަރަކަށް ފައިސާ ދޭނެ،" ދިވެހިން ގޮވައިގެން އާއްމުކޮށް ކޮލަމްބޯގައި ދަތުރުކުރާ އޮޓޯ ޑްރައިވަރެއް ދިވެހިން ސިފަކުރީ މިހެންނެވެ.

ދިވެހިންގެ ގިނަ ބަޔަކު އެންމެ ގިނައިން ދިރިއުޅޭ އިންޑިޔާގެ، ޓްރިވެންޑްރަމް އަށް ބަލާއިރު އެ ތަނުގެ އޮޓޯ ދުއްވާ މީހުންނަކީ ދިވެހިންނަށް ފަރިތަ ބައެކެވެ. މިކަމުގެ ސަބަބުން ދިވެއްސެއް އޮޓޯއަކަށް އަރައިފިނަމަ އޮޓޯގެ މީޓަރު ހުންނާނީ ހަލާކުވެފަ އެވެ. ނުވަތަ ދާންވާ ތަނެއް ބުނުމުން ކިޔާނީ އަގެކެވެ. މި އަގަށް "ރުހިގެން" ދިވެހިން ދަތުރު ކުރުމުގެ ނަތީޖާއަކަށްވަނީ ޓްރިވެންޑްރަމްގައި ދިވެހިން އާއްމުކޮށް ގޮސްއުޅޭ ސަރަހައްދުތަކުން މީޓަރުގައި ދާނެ އޮޓޯއެއް ހޯދަން ދިވެހިންނަށް މިހާރު ދަތިވުމެވެ.

"ދިވެހިން ވާ ގޮތަކީ ކިޔާ އަގަކަށް ރުހޭނެ. އެހެންވެ މިހާރު އޮޓޯ ހޯދަން ދަތި،" ޓްރިވެންޑްރަމްގައި ދިރިއުޅޭ ދިވެއްސަކު ބުންޏެވެ.

ޓްރިވެންޑްރަމް އިން ފެންނަ މި މަންޒަރު ސްރީލަންކާގެ، ކޮލަމްބޯ އިން ވެސް ވަނީ ތަކުރާރުވާން ފަށާފަ އެވެ. ގާތްގަނޑަކަށް 4،000 ދިވެހިން އުޅޭ ލަންކާގެ، ކޮލަމްބޯ ތެރޭގައި ވެސް ބައެއް ސަރަހައްދުތަކުން މީޓަރަށް ދަތުރުކުރާ އޮޓޯ ލިބުމުގައި "ކޮންމެ ވެސް ވަރެއް" ގެ ދަތިތަކެއް ކުރިމަތިވާ ކަމަށް ބައެއް މީހުން ބުނެ އެވެ. އެގޮތުން ދިވެހިންގެ މެދުގައި މަޝްހޫރު "އެމްސީ" ކައިރި އާއި ދިވެހިން އާއްމުކޮށް ފޮށި ތަންމަތި ހިފައިގެން ތިބޭ "ޕާލްސިޓީ" ހޮޓާ ސަރަހައްދުން މިކަން ފާހަގަވެ އެވެ.

އެމްސީ ކައިރީގައި ތިބި އޮޓޯ ޑްރައިވަރެއްގެ ކައިރީގައި ހޮޓަލަށް ގޮސްދޭށޭ ބުނުމުން ފުރަތަމަ ވެސް ކިޔަނީ އަގެކެވެ.

"ހޮޓަލަށް ދެވޭނީ 150 ރުޕީސް،" އޮޓޯ ޑްރައިވަރު ބުންޏެވެ.

އެގޮތް ކަމުނުދިއުމުން މަގަށް ނުކުމެ އޮޓޯއެއް ހުއްޓުވައިގެން ހޮޓަލަށް ދިޔައީ އެވެ. ގޮސް އޮޓޯއިން ފައިބާ ފައިސާ ދޭން ބެލިއިރު އޮޓޯއަށް ދޭން ޖެހެނީ "50 ރުޕީސް" އެވެ.

ނަމަވެސް، އެމްސީ ސަރަހައްދުން އޮޓޯއެއް ނަގާނަމަ މީޓަރަށް ދަތުރު ކޮށެއް ނުދޭނެ އެވެ. ސަބަބަކީ އެގޮތަށް ކުރާ ދަތުރުތަކުން އެ މީހުންނަށް ލިބޭ މަންފާ ގިނަވުމެވެ. ކިލޯ މީޓަކަށް 35 ރުޕީސް ނަގާއިރު، ދެ ކިލޯ މީޓަރުގެ ކުރު ދަތުރެއް ކޮށްލުމަށްފަހު 100 ރުޕީސް ލިބޭނަމަ އެކަން ކުރާނެތާ އެވެ.

މީގެ އިތުރުން މި މީހުން އޮޅުވާލައިގެން ލާރި ހޯދުމަކީ ވެސް ކުރާ ކަމެއް ކަމަށް ބައެއް ދިވެހިން ބުނެ އެވެ. މި ޑްރައިވަރުންގެ ކިބައިގައި އޮޅުވާލުމުގެ ހުނަރު ހުންނަނީ ވަރަށް ފުރިހަމަ ކޮށެވެ.

" ދާންވި ތަނުގެ ނަން ބުނާއިރަށް ވަރަށް ފަސޭހައިން... ބުނާނެ އޯކޭއޭ! އެކަމަކު އަރާފަ ދާކަށް ނޭނގޭނެ. ނޫނީ އެނގޭ ކަމަކަށް ނުހަދާނެ. މީގެ ބޭނުމަކީ ދިގު ކޮށް ދުއްދުން. މިހެން ހެދުމުން ގިނަ ލާރި މީޓަރަށް އަރާނެ،" ކޮލަމްބޯގައި ހުރި ޒުވާނަކު ބުންޏެވެ.