ހަބަރު

ރައީސް ނަޝީދު އޭޑީކޭއަށް ގެނެސް އެމްއާރުއައި ސްކޭނެއް ހަދައިފި

Sep 27, 2015

ކުރީގެ ރައީސް މުހައްމަދު ނަޝީދު އޭޑީކޭއަށް ގެނެސް އެމްއާރުއައި ސްކޭނެއް މިއަދު ހަދައިފި އެވެ.

ޓެރަރިޒަމްގެ ކުށުގައި 13 އަހަރަށް ޖަލަށް ލާފައިވާ ނަޝީދު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ބުރަކަށީގެ ރިއްސާތީ އެވެ. އަދި މީގެ ކުރިން ވެސް ތަކުރާރުކޮށް ނަޝީދު ޑޮކްޓަރަށް ދެއްކުމަށް ފަހު، ޑޮކްޓަރުންގެ ލަފާގެ މަތިން ދެ މަސް ދުވަހަށް ނަޝީދު ގޭ ބަންދަށް ވެސް ބަދަލު ކުރި އެވެ. އަދި އެ މުއްދަތު ހަމަވުމުން ވެސް ނަޝީދު އަދިވެސް ގޭގައި ބެހެއްޓުމަށް ޑޮކްޓަރުން ލަފާދިން ނަމަވެސް ކަރެކްޝަންސް އިން ވަނީ ނަޝީދު އިތުރަށް ގޭގައި ނުބަހައްޓާ ޖަލަށް ބަދަލުކޮށްފަ އެވެ. ކަރެކްޝަންސް އިން ބުނީ ނަޝީދު ދާއިމީކޮށް ގެއަށް ބަދަލު ކުރަން ޑޮކްޓަރުން ލަފާދިން ނަމަވެސް، އެކަން ކުރެވޭނީ ގާނޫނީ ހުއްޖަތެއް ނެތް ކަމަށެވެ.

ނަޝީދުގެ މައްސަލަ ހައިކޯޓުގައި ޕީޖީ އިސްތިއުނާފު ކުރި ނަމަވެސް، މައްސަލަ އެ ކޯޓުން ބޭރުކޮށްލުމުން ޕީޖީ ވަނީ އެ މައްސަލަ މިހާރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ރައީސް އަބްދުﷲ ޔާމީން ވިދާޅުވަނީ ނަޝީދަށް މާފުދެވެން އޮތީ އިސްތިއުނާފުގެ މަރުހަލާތައް ނިމުމުން ކަމަށެވެ. އަދި ނަޝީދު ގެންދަވަނީ މައްސަލަ އިސްތިއުނާފު ކުރެއްވުމަށް ދެކޮޅު ހައްދަވަމުންނެވެ.