ހަބަރު

ކޭތަ ނަމާދު އޮންނާނީ މިރޭ ފަތިހު ފަތިސް ނަމާދަށް ފަހު

Sep 27, 2015

ބޮޑު ހަނދުކޭތައާ ގުޅިގެން ކުރާ ކޭތަ ނަމާދު މިރޭގެ ފަތިސް ނަމާދަށްފަހު ރާއްޖޭގެ ހުރިހާރަށެއްގައި ވެސް ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އަވަސް އަށް މައުލޫމާތުދެއްވަުން އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ މުހައްމަދު ދީދީ ވިދާޅުވީ، ކޭތަ ނަމާދު ކުރަން ހަމަޖެހިފައިވަނީ ކޭތަ ހިފާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާ ގަޑީގައި ކަމަށެވެ. އެއީ ފަތިސް ނަމާދަށް ފަހު ފަތިހު 5:11 ގަ އެވެ.

މާލޭގައި ކޭތަ ނަމާދުކުރަން ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގަ އެވެ. އަތޮޅުތަކުގެ ރަށްރަށުގައި ނަމާދުގެ ކަންކަން އިންތިޒާމްކުރަން ކައުންސިލުތަކަށް މިހާރު އަންގަން ފަށާފައިވާ ކަމަށާއި އެކަމުގައި ކައުންސިލުތަކުގެ އެހީތެރިކަން ލިބެމުންދާ ކަމަށް މުހައްމަދު ވިދާޅުވިއެވެ.

ހަނދު ކޭތަ ހިފާނެކަމަށް ލަފާކޮށްފައިވަނީ މިރޭ ފަތިހު 5:11 ގައި އެވެ. ކޭތަ ހިފާ ވަގުތުން ފެށިގެން އިރުއަރާ ވަގުތާ ދެމެދު ރަތް ހަނދު ފެންނާނެ ކަމަށާއި، ކޭތަ އެންމެ ބޮޑަށް ހިފާނީ މާދަމާ ހެނދުނު 7:48 ގައި ކަމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފައެވެ. ކޭތަ ވީއްލާނީ މާދަމާ ހެނދުނު 10:12ގަ އެވެ.

މި ނާދިރު ކޭތައަކީ ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ހިފާ ފުރަތަމަ ރަތް ކުލައިގެ ހަނދު ކޭތަ، ނޫނީ "ސުޕަ މޫން ލޫނާ އެކްލިޕްސް" އެވެ. "ސުޕަ މޫން ލޫނާ އެކްލިޕްސް" އަކީ ދުނިޔެއާ ހަނދު އެންމެ ކައިރިއަށް އަންނަ ވަގުތު، ހަނދު އެންމެ ބޮޑަށް ފެންނައިރު، ހަނދުކޭތަ ހިފުމުން، ދުނިޔެއިން ހަނދަށް އެޅޭ އަލި ރަތް ކުލާގައި ހުރުމެވެ. މި ވައްތަރުގެ ކޭތައެއް އެންމެ ފަހުން ހިފީ 1982 ވަނަ އަހަރު އެވެ. ހޯމަ ދުވަހުގެ ރެއަށް ފަހު ދެން މިފަދަ ކޭތައެއް ފެންނާނީ 2033 ވަނަ އަހަރު ކަމަށް ނުޖޫމީ އިލްމްވެރިން ވިދާޅުވެ އެވެ.

މި ކޭތަޔާ ގުޅިގެން ކަނޑުގެ އޮއިވަރަށް ބޮޑެތި ބަދަލުތަކެއް އައިސް ބައެއް ރަށްރަށަށް އުދަ އަރާފާނެ ކަމަށް ވަނީ ބެލެވިފަ އެވެ.