ހަބަރު

ލޯންޗުގައި އަލިފާން ރޯވުން: އެކަކު އައިސީޔޫގައި، 19 މީހަކަށް ފަރުވާ ދެނީ

Sep 27, 2015
1

އެއާޕޯޓުން ޓޫރިސްޓުން ގޮވައިގެން ކަނިފުށި ރިސޯޓަށް ދިޔަ ލޯންޗްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހުންގެ ތެރެއިން މޫނު މައްޗަށް ގެއްލުން ލިބުނު ޗައިނާ، މީހާ އަށް އައިސީޔޫގައި ފަރުވާދޭ އިރު، އިތުރު 19 މީހަކަށް ފަރުވާދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އިއްޔެގެ ހާދިސާގައި ޖުމްލަ 24 މީހަކު ޒަހަމްވި އިރު، އެ އެންމެންނަށް ވެސް ފަރުވާދެނީ އަންނަނީ އައިޖީއެމްއެޗްގަ އެވެ.

އެ ހޮސްޕިޓަލްގެ މީޑިއާ ކޯޑިނާޓަރު ޒީނަތު އަލީ ހަބީބު ވިދާޅުވީ އިއްޔެ ހާދިސާގައި މޫނު މަތި ކަފައިގެން ދިޔަ ޗައިނާ އަންހެނެއްގެ ސާޖަރީއެއް އިއްޔެ ހެދުމަށް ފަހު އޭނާއަށް އަންނަނީ އައިސީޔޫގައި ފަރުވާދެމުންނެވެ. ދެން ތިބި 19 މީހުންގެ ހާލު ގޯސް ނޫން ކަމަށާއި ސްޓޭބަލް ކަމަށް ޒީނަތު ވިދާޅުވި އެވެ.

ދެން ތިބި މީހުންގެ ގައިގެ ތަންތަނުން ފިހުން ފިޔަވައި އެހެން ގެއްލުންތަކެއް ލިބިފައެއް ނުވެ އެވެ.

"އެންމެންގެ ހާލު މިހާރު ސްޓޭބަލް. ނަމަވެސް އެހާދިސާގައި މޫނުމަތި ކަފައިން ދިޔަމީހާ މިހާރު ވަނީ އައިސީޔޫގައި ޑޮކްޓަރުން ފަރުވާ ދެމުން،" ޒީނަތު ވިދާޅުވި އެވެ.

މިހާދިސާއާ ގުޅިގެން އައިޖީއެމްއެޗް އަށް މުޅިޔަކު 24 މީހުން ގެނެސްފައިވާ އިރު ފަސް ޓުއަރިސްޓަކު މިހާރު ވަނީ ފަރުވާޔަށް ފަހު ދޫކޮށްލާފައި ކަމަށް ޒީނަތު ވިދާޅުވި އެވެ. އަދި ބާކީ ތިބި މީހުންނަށް އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ.

އެ ލޯންޗް ހުޅުލޭފަޅުން ނިކުންނަނިކޮށް އަލިފާން ރޯވީ ލޯންޗްގެ އިންޖީނުގަ އެވެ. އެއާ އެކު ބައެއް ޓޫރިސްޓުން ކަނޑަށް ފުންމާލި އެވެ. އެ ލޯންޗްގެ ބައެއް ކްރޫއިން ބުނީ، އަލިފާން ރޯވީ ލޯންޗްގެ އިންޖީނު ބެޓެރިއަށް މައްސަލަ ދިމާވެގެން ކަމަށެވެ.