ގައުމީ ފުޓްބޯޅް ޓީމް

ރަސްމީ ސްކޮޑުގައި ދާދު، އިއްބެ، ސައްޓު ހިމެނޭ

ގައުމީ ފުޓްބޯޅަ ޓީމްގެ ރަސްމީ ސްކޮޑުގައި ދާދު، އިއްބެ، ސައްޓު ހިމެނޭނެ ކަމަށް ބުނެފި އެވެ.

ސްކޮޑު ރަސްމީ ކޮށް އިއުލާން ކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ގައުމީ ޓީމުގެ ކޯޗް ހޮލެންޑްގެ މާޓިން ކޫޕްމަން ބުނީ ޖުލައިގެ ފަހުން ސްކޮޑަށް އިތުރު ބަދަލުތައް އަންނާނެ ކަމަށެވެ. އޭނާ އިޝާރާތް ކުރީ ސްކޮޑު އަދަދު މަދު ކުރުމުގެ މައްޗަށެވެ. ގައުމީ ސްކޮޑުން މުހިންމު ތިން ކުޅުންތެރިން ކަމަށްވާ، ސައްޓު އާއި އިއްބެ އަދި ދާދު އުނިކޮށްފައިވާ ކަމަށް މީޑިއާއިން ފެތުރިނަމަވެސް، ރަސްމީ ކޮށް އިއުލާން ކުރި ސްކޮޑުގައި އެ ތިން ކުޅުންތެރިންވެސް ވަނީ ހިމަނާފަ އެވެ.

ފެބްރުއަރީ މަހު ސްކޮޑާއެކު ފަރިތަކުރުންތައް ގެންދިޔަ ކުޅުންތެރިންގެ ތެރެއިން ސްކޮޑުން އުނިވެފައި ވަނީ އަނިޔާގައި ހުރި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އާއި ށ. ފޯކައިދޫ ފުޓްބޯޅަ ކުލަބުން ސީޒަންގެ މެދުތެރޭގައި އީގަލްސް އަށް ބަދަލުވި ހަސަން ނަޒީމް (ޗޯޓް) އާއި ގޯލްކީޕަރުން ކަމަށްވާ، ޓީސީގެ އާދަމް އިމްއާން (އިންމި) އާއި ޔުނައިޓަޑް ވިކްޓަރީގައި ހުރުމަށް ފަހު ދިވެހި ޕްރިމިއާ ލީގްގެ ތިން ވަނަ ބުރުގައި ފޯކައިދޫއަށް ބަދަލުވި ތާލްހް ހުސައިން (ޓޮޕްލެކް) އެވެ.

އޭރު ޓީމުގައި ނުހިމެނުނުނަމަވެސް ޓީސީގެ ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕެ) ވަނީ ސްކޮޑުގައި ހިމަނާފަ އެވެ.

ކޫޕްމަން ބުނީ، ޓީމުގެ ޕްރެކްޓިސް ފެށުމަށް ފަހު ކުޅުންތެރިން ކުރާ މަސައްކަތަށް ބިނާކޮށް ގައުމީ ޓީމުގެ ޖާގަ އަށް އެންމެ ބޮޑަށް ހައްގު ކުޅުންތެރިންނަކީ ކޮބައިތޯ އޭނާ ބަލާނެ ކަމަށެވެ.

"އަހަރެމެން ބޭނުންވާ ފެންވަރަށް ޕްރެކްޓިހުގައި ކުޅުންތެރިންނަށް ޕާފޯމް ނުކުރެވެންޏާ އަހަރެމެން އެ ކުޅުންތެރިޔަކު އުނި ކުރާނަން،" އޮންލައިންކޮށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން މާޓިން ކޫޕްމަން ބުންޏެވެ. "ޖުލައިގެ ފަހުން އަހަރެން ބަލާނަން ކޮންކުޅުންތެރިންނެއްތޯ އެންމެ ރަނގަޅަށް ޕާފޯމް ކުރަނީއަދި ޗައިނާ އާއި ސީރިއާ ދެކޮޅަށް ކުޅެން ތައްޔާރަށް ތިބީ ކޮން ކުޅުންތެރިންނެއްތޯ."

ގައުމީ ޓީމުގެ ޕްރެކްޓިސް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު ހަތަރު ވަނަ ދުވަހު އެވެ. ކޫޕްމަން ބުނީ ޓީމުގެ ތަމްރީންތައް ފަށާނީ ކޮރޯނާ ވައިރަސް އާ ގުޅިގެން އަޅަފާއިވާ ސިއްހީ ގައިޑްލައިނާ އެއްގޮތަށް ކަމަަށެވެ. އެގޮތުން ސްކޮޑު އެކުގައި ޕްރެކްޓިސް ކުރުމުގެ ބަދަލުގައި ޕްރެކްޓިސް ކުރާނީ ސްކޮޑު ދެ ބަޔަކަށް ބަހާލައިގެން ދެ ގަޑިއެއްގައި ކަމަށެވެ.

ގައުމީ ޓީމުގެ ސްކޮޑް
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން:
ސަމޫހް އަލީ، މުހައްމަދު އިރުފާން، އިބްރާހިމް މަހްދީ ހުސައިން، އައިސަމް އިބްރާހިމް، ހަމްޒާ މުހައްމަދު، ހުސައިން ޝަރީފް، އާދަމް ނިޒާމް، ހުސައިން ނިހާން، ނާއިޒު ހަސަން، އިބްރާހިމް ވަހީދު ހަސަން، މުޖުތާޒް މުހައްމަދު

ޓީސީ ސްޕޯޓްސް ކުލަބު:
އަލީ އަޝްފާގް، އަކުރަމް އަބްދުލް ގަނީ، އަހްމަދު ރިލްވާން (ބެން)، އިސްމާއީލް އީސާ، އަލީ ޝާމިސް، އިޝާން އިބްރާހިމް

ކުލަބު އީގަލްސް:
އަހްމަދު ނޫމާން، އިމްރާން ނަޝީދު، އަހްމަދު ރިޒުވާން، ހަސަން ރާއިފް އަހްމަދު، ހުސައިން ޝިފާއު ޔޫސުފް، އަލީ ފާސިރު، ރިހާމް އަބްދުލް ގަނީ

ކުލަބު ގްރީން ސްޓްރީޓްސް:
މުހައްމަދު އާރިފް، އަބްދުﷲ ޔާމީން، މުހައްމަދު އުމޭރު، އިސްމާއީލް ޝަފީއު، މުހައްމަދު ސާއިފް

ދަ ގުރާންޑޭ ސްޕޯޓްސް ކުލަބު:
މުހައްމަދު ފައިސަލް، އަހްނަފް ރަޝިދު