ހަބަރު

ކާބަން ޓެކުހާ ހެދި ކާބޯތަކެތީގެ އަގު ބޮޑުވުން ހުއްޓުވަން ވެއްޖެ: މިނިސްޓަރު

Sep 27, 2015

ގައުމުތަކުން ނަގާ ކާބަން ޓެކުހުގެ ސަބަބުން ކުދި ގައުމުތަކުގައި ކާބޯތަކެތީގެ އަގު އުފުލޭތީ، އެކަން ހުއްޓުވޭނެ ގޮތްތައް ހޯދަން ދުނިޔޭގެ ގައުމުތަކަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ގޮވާލައްވައިފި އެވެ.

އދ ގައި މިހާރު ކުރިއަށްދާ 70 ވަނަ އާންމު ބައްދަލުވުމުގެ ހަވާސާގައި ބޭއްވި ބިޒްނަސް ޑައިލޮގް ބައްދަލުވުމުގައި މިނިސްޓަރު ތޯރިގު ވިދާޅުވީ، ބޮޑެތި ގައުމުތަކުގައި އިގްތިސާދީ ދާއިރާއިން އަމަލުކުރާ ބައެއް އުސޫލުތަކުގެ ސަބަބުން ކުދި ގައުމުތަކުގެ އިގްތިސާދީ ތަރައްގީއަށް ހުރަސް އެޅިފައިވާ ކަމަށެވެ. މިހާރު ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތުން ތަރައްގީވަމުން އަންނަ ކުދި ގައުމުތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނެ ގޮތްތައް ހޯދަން ބައިނަލް އަގުވާމީ އަދި ގައުމީ ފެންވަރުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ތަރައްގީވެފައިވާ ބައެއް ގައުމުތަކުން ނަގާ ކާބަން ޓެކުހުގެ ސަބަބުން ކުދި ގައުމުތަކުގެ ތަރައްގީއަށް ހުރަސް އެޅޭ. އެފަދަ ޓެކްސްތަކުގެ ސަބަބުން ތަކެތީގެ އަގު ނުއުފުލޭނެ ގޮތްތަކެއް ހޯދަންޖެހޭ،" މިނިސްޓަރު ތޯރިގް ވިދާޅުވިއެވެ.

ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމުތަކަށް ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ކާބޯތަކެތީގެ އަގުތައް އުފުލި އާންމުންނަށާއި އިންވެސްޓަރުންނަށް ގެއްލުންވާކަމަށް ވެސް ބައްދަލުވުމުގައި މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. ތޯރިގު ވިދާޅުވި ގޮތުގައި އެފަދަ ނިޒާމެއް ގާއިމް ކުރެވޭނީ ކުދި ގައުމުތަކަށް ފައިސާ އާއި ޓެކްނޮލޮޖީގެ އެހީ ދީގެންނެވެ.

ބިޒްނަސް ޑައިލޮގްގެ ސިލްސިލާ ބައްދަލުވުންތަކަކީ ކޮންފަރަންސް އޮފް ދަ ޕާޓީސްގެ 21 ވަނަ ބައްދަލުވުމުގެ ރިޔާސަތާ މިއަހަރު ހަވާލުވާން ހަމަޖެހިފައިވާ ފަރަންސޭސި ވިލާތުން ބާއްވާ ބައްދުވުން ތަކެކެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ސަރުކާރުތަކާއި ވިޔަފާރިވެރިންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް ބައްދަލުވުންތަކުގައި މަޝްވަރާ ކުރާނެ އެވެ.