ހަބަރު

އަތުލައިގަތް ޑްރަގް ނެޓްވޯކްގެ އެކަކު ދޫކޮށްލައިފި

Jun 15, 2020

ހަ ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ޑްރަގް ނެޓްވޯކްގައި ޝާމިލްވާ ކަމަށް ތުހުމަތުވާ އެކަކު ކޯޓުން ދޫކޮށްލައިފި އެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ ތިން މީހުންނެވެ.

ފުލުހުން ބުނީ އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން ދެ މީހެއްގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ. އަނެއް މީހާ ދޫކޮށްލީ އެމީހާގެ ގެ ބަލާ ފާސްކުރުމުގެ ތެރޭގައި އެ ގެއިން މަސްތުވާތަކެތި ފެނިފައިނުވާތީ އެވެ.

ނަމަވެސް ފުލުހުން ބުނީ އެމީހާއަކީ ވެސް ނެޓްވޯކްގައި ހިމެނޭ މީހެއް ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ.

މި ތިން މީހުންނަކީ ވެސް ދިވެހިންނެވެ. އެމީހުންނާ ގުޅުން އޮތް ކަމަށް އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ މަގުމަތީ އަގު 5.6 މިލިއަން ރުފިޔާއަށް އަރަ އެވެ.

ފުލުހުން ގެންދަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސައްކަތްތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ދަނީ އަތުލައިގަންނަމުންނެވެ.