މިނިސްޓްރީ އޮފް އެޑިއުކޭޝަން

ނާސްތާ ޕްރޮގްރާމް މެދުކަނޑާލައިފި

މި ސަރުކާރުން އިސްކަން ދީގެން ގެނައި ނާސްތާ ޕްރޮގްރާމް މިވަގުތަށް މެދުކަނޑާލައިގެން ސްކޫލްތައް ހުޅުވަން ނިންމައިފި އެވެ.

ދަރިވަރުންނަށް ނާސްތާ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދަން އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އަހަރުގެ ފުރަތަމަ ޓާމުގައި ވަނީ ޕައިލެޓް ޕްރޮގްރާމެއްގެ ގޮތު 25 ސްކޫލެއްގައި ނާސްތާ ފަށާފަ އެވެ. އަޖުމަ ބަލަން ފެށި އެ ޕްރޮގްރާމުގެ ތަޖުރިބާއަށް ފަހު ބާކީ 188 ސްކޫލާއެކު މިދިޔަ އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން 203 ސްކޫލްގައި ދަރިވަރުންނަށް ނާސްތާ ދޭން ފެށި އެވެ. އެއީ ޖުމުލަ 57816 ދަރިވަރުންނަށެެވެ.

ނާސްތާ ޕްރޮގްރާމްގައި އެކި ސްލޫތަކަށް ނާސްތާ ފޯރުކޮށް ދެނީ ވިޔަފާރި އުސޫލުން އެކި ފަރާތްތަކާ ހަވާލުކޮށްގެނެވެ. ކޮވިޑްގެ ބައްޔާ ހަމައިން މެދުކެނޑިފައިވާ ޕްރޮގްރާމް މިވަގުތަށް ހުއްޓާލާއިރު އެ ފަރާތްތަކާއެކު އޮތް އެއްބަސްވުމާމެދު ކަންކުރާނެ ގޮތެއް މިނިސްޓަރު މިރޭ ވިދާޅެއް ނުވެއެވެ.

ކޮވިޑް-19 އިގެ ބަލިމަޑުކަމާއެކު ގިނަ ދުވަސްތަކަކަށް ސުކޫލްތައް ބަންދު ކުރުމަށްފަހު ބަލި ނެތް ރަށްރަށުގައި ސްކޫލްތައް ހުޅުވައި ކިޔަވައިދޭން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެނެވެ.

އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މިދުވަސްވަރަށް ނާސްތާ ޕްރޮގްރާމް މެދުކަނޑާލުމުން ސުކޫލަށް ދަރިވަރުން ދާއިރު ގެއިން ރަނގަޅަށް ނާސްތާ ކޮށްގެން ދިއުން މުހިންމު ކަމަށާއި ސުކޫލަށް ދާއިރު ދަރިވަރުން އަމިއްލަ ފެންފުޅި ވެސް ގެންދަން އެދި ވަޑައިގަންނަވާ ކަމަށެވެ.

"ސުކޫލަށް ދަރިވަރުން ފޮނުވާއިރު ގެއިން ކައިގެން ދާ ގޮތަކަށް މިހާރު ހަމަޖެހިފައި އޮތީ، އެއީ ކޮވިޑްގެ ކުރިން ސުކޫލްތަކުން ދެމުން އައި ނާސްތާ މި ދުވަސްކޮޅު މެދުކަނޑާލުމުން ގެއިން ރަނގަޅަށް އެއްޗެއް ކައިގެން ދިއުން އެއީ ވަރަށް މުހިންމު ކަމެއް. އަދި ގެއިން ބޯނެ ފެންވެސް ހިފައިން ދިއުން މުހިންމު،"