ހަބަރު

ނާޒިމް ބޭރަށް ގެންދިޔުން ލަސްވަނީ އިންޑިއާއަށް ދާން ހުއްދަ ނުލިބޭތީ: އާއިލާ

Sep 27, 2015

ހަތިޔާރު ގެންގުޅުމުގެ ކުށުގައި ޖަލަށް ލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ލޮލުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ނުގެންދެވިފައި ހުރީ އާއިލާއިން ނާޒިމް އިންޑިއާއަށް ގެންދަން ބޭނުންވި ނަމަވެސް، އެކަމުގެ ހުއްދަ ކަރެކްޝަނަލް ސާވިސަސް އިން ދީފައި ނުވާތީ ކަމަށް އޭނާގެ އާއިލާއިން މިއަދު ބުނެފި އެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަމުން ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް މިއަދު ވިދާޅުވީ ނާޒިމް ބޭރަށް ގެންދިއުމަށް ކަރެކްޝަނުން ހުއްދަ ދީފައި ވަނީ ސިންގަޕޫރަށް އެކަނި ދިޔުމަށް ކަމަށެވެ. ނަމަވެސް އާއިލާ އިން ބޭނުންވަނީ އިންޑިޔާގައި ހުންނަ ލޮލުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށް އެ ގައުމަށް ދާން ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"ބޭސްފަރުވާޔަށް ބޭރަށް ގެންދިއުމަށް ލަސްވަނީ ކަރެކްޝަން އިން ނާޒިމް އިންޑިޔާއަށް ގެންދިޔުމަށް ހުއްދަ ނުލިބިގެން. ބޭބެގެ ލޮލުގެ ހާލު ވަރަށް ދެރަ. ނަމަވެސް ސަރުކާރުން ހުއްދަދިނީ ސިންގަޕޫރަށް ދިޔުމަށް. އާއިލާ އިން ބޭނުންވަނީ ވީހާވެސް އަވަހަކަށް އިންޑިޔާގައި ހުންނަ ލޮލުގެ ހާއްސަ ޑޮކްޓަރަކަށް ދައްކަން،" އާޒިމް ވިދާޅުވި އެވެ.

އޭނާާ ވިދާޅުވީ ނާޒިމް އިންޑިޔާއަށް ގެންދިޔުމަށް ބޭނުން ވާ ވާހަކަ، މިހާރު ވާނީ ކަރެކްޝަން ދަންނަވައިފަ އެވެ. އަދި ސަރުކާރު ބަންދުވުމުގެ ކުރިން އެ ކަމަށް އެދި ކަރެކްޝަންއަށް ސިޓީއެއް ލައިފާވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. އެހެން ނަމަވެސް އަދި އެ ސިޓީއަށް ޖަވާބެއް ނުދޭ ކަމަށް އާޒިމް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ނާޒިމް ވަނީ ސިންގަޕޫރަށް ގެންގޮސް ފަރުވާދީފަ އެވެ. އެހެން ނަމަވެސް އެ ގައުމަށް ބޭސް ފަރުވާއަށް ގޮސް ކުރަން ޖެހޭ ހަރަދު ބޮޑު ކަމަށް ބުނެ، އާއިލާއިން ޝަކުވާ ކޮށްފައިވެ އެވެ. އެހެން ނަމަވެސް ކަރެކްޝަންސް އިން ވަނީ ނާޒިމް އިތުރު ގައުމަކަށް ދިޔުމަށް ހުއްދަ ނުދީފަ އެވެ.

ނުރައްކާތެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ނާޒިމް ގެންދަވަނީ ތަންފީޒު ކުރައްވަމުންނެވެ. މިފަހުން ނާޒިމް ވަނީ ދެތިން ފަހަރެއްގެ މަތިން ލޮލުގެ މައްސަލައެއްގައި ޑޮކްޓަރަށް ދައްކައިފަ އެވެ. އަދި ބޭރަށް ގެންދިޔުމުގެ ހުއްދަ ދިނީ ވެސް ޑޮކްޓަރުންގެ ލަފާގެ މަތިންނެވެ. އަދި ނާޒިމްގެ ސިއްހީ ހާލަތާ މެދު އާއިލާއިން ކަންބޮޑުވުން ފާޅު ކުރަމުން މީގެ ކުރިން ބުނެފައި ވަނީ، ނާޒިމްގެ ސިއްހީ ހާލަތު ގޯސް އިރުވެސް އެކަށީގެންވާ ފަރުވާއެއް ނާޒިމަށް ދެމުން ނާންނަ ކަމަށެވެ.

ނާޒިމްގެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފު ކޮށްފައިވާ އިރު، އެ ކޯޓްގެ ބެންޗަށް އައި ބަދަލުތަކަކާ ގުޅިގެން މައްސަލަ އޮތީ ހުއްޓިފަ އެވެ. އެކަމަކު އިބްތިދާއީ އަޑުއެހުމެއް މީގެ ކުރިން އެއްފަހަރު ބޭއްވި އެވެ.