ހަބަރު

ޝަރީފާ ފައުންޑޭޝަނުން ހިރިޔާއާ ހިޔާ، މަޖޫރީންނަށް އެހީވެއްޖެ

Jun 16, 2020

"ޝަރީފާ ފައުންޑޭޝަން" އިން ހިރިޔާ ސުކޫލާއި، ކުޑަކުދިންގެ ހިޔާ އަދި މަޖޫރީންނަށް މާސްކާއި ސެނެޓައިޒާ ހަދިޔާ ކޮށްފި އެވެ.

އެ ފައުންޑޭޝަނުން ގެންދަނީ ކޮވިޑް-19 އާ ގުޅިގެން އެކި ފަރާތްތަކަށް އެހީތެރިވަމުންނެވެ. އެގޮތުން ހިރިޔާ ސުކޫލަށް 1،000 މާސްކާއި 1،000 އަންގި އަދި ފަސް ލީޓަރުގެ ސެނެޓައިޒާ ޕަންޕެއް ވަނީ ހަދިޔާކޮށްފަ އެވެ. އަދި ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް ވެސް 1،000 މާސްކާއި 1،000 އަންގި އަދި ފަސް ލީޓަރުގެ ސެނެޓައިޒާ ޕަންޕެއް ހަދިޔާ ކުރި އެވެ.

މީގެ އިތުރުން އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރަމުންދާ މަޖޫރީނަށް ވެސް އެ ފައުންޑޭޝަނުން ވަނީ މާސްކާއި ސެނެޓައިޒާ ހަދިޔާ ކޮށްފަ އެވެ. އެގޮތުން 500 ފޮތި މާސްކާއި 1200 ޑިސްޕޯސަބަލް މާސްކްގެ އިތުރުން 350 ފުޅި ސެނެޓައިޒާ އަދި ފަސް ލީޓަރުގެ ސެނެޓައިޒާ ޕަންޕެއް ހަދިޔާ ކޮށްފައި ވެއެވެ.


"ޝަރީފާ ފައުންޑޭޝަން" ވަނީ މީޑިއާ އިދާރާތަކަށް ވެސް ރައްކާތެރިކަމުގެ ސާމާނު ހަދިޔާ ކުރުމުގެ މަސައްކަތް ފަށާފަ އެވެ. އެގޮތުން ވަގުތު ނޫހަށް 200 މާސްކާއި 50 ފުޅި ސެނެޓައިޒާ ވަނީ ހަދިޔާ ކުރި އިރު ރާއްޖެ ޓީވީއަށް ވެސް 200 މާސްކާއި 50 ފުޅި ސެނެޓައިޒާ ދިނެވެ. އަދި އޮފީސްތައް ހުންނަ އެހެން މިޑީއާ އިދާރާތަކަށް ވެސް މި އެހީ ދޭނެ ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.

ޝަރީފާ ފައުންޑޭޝަނަކީ ވިޔަފާރިވެރިޔާ ހަސަން މަމްދޫހު (މަންޑޭ) ގެ މަންމާފުޅުގެ ހަނދާނުގައި އުފައްދަވާފައިވާ ފައުންޑޭޝަނެކެވެ.

ޒުވާން ވިޔަފާރިވެރިޔާ ގެންދަވަނީ ބޭނުންޖެހިފައިވާ އެކި މީހުންނަށް އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށްރަށަށް ކޮވިޑުން ރައްކާތެރިވުމަށް ބޭނުންވާ ސާމާނު ވަނީ ހަދިޔާ ކުރައްވާފައި ވެއެވެ. މިއީ މި ބަލިމަޑުގެ ތެރޭގައި ވިޔަފާރިވެރިއަކު އިސްނަންގައިގެން ހިންގެވި އެންމެ ބޮޑު އެހީތެރިކަމުގެ ޕްރަގްރާމެވެ.

މަންޑޭ ކުރިއަށް ގެންދެވި އެހީގެ ޕްރޮގްރާމް މިހާރު ކުރިޔަށް ގެންދަނީ އޭނާގެ މަންމަގެ ހަނދާނުގައި އުފެއްދި "ޝަރީފާ ފައުންޑޭޝަންގެ ތެރެއިންނެވެ.