ހަބަރު

މާލީ ގޮންޖެހުންތައް ހައްލު ކުރަން ބޭރުގެ އެހީއަށް އެދެން: ދުންޔާ

ރާއްޖޭގެ މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް އެބަ ހުރި ކަމަށާއި އެކަމުގައި ސައުތު-ސައުތު ޕާޓްނާޝިޕްގެ ދައުރު ވަރަށް މުހިއްމު ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

ނިއުޔޯކުގައި މިހާރު ކުރިއަށްދާ ސައުތު-ސައުތު ކޯޕަރޭޝަންގެ މެންބަރުންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ދުންޔާ ވިދާޅުވީ، މާލީ ދާއިރާއިން ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ހާއްސަ ކޮށް އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކޮށް ތަރައްގީވަމުން އަންނަ ގައުމެއްގެ ގޮތުގައި ރާއްޖެ ހިމެނުމުން ގޮންޖެހުންތައް ބޮޑުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަނާ ވިދާޅުވީ މެދުފަންތީގެ ގައުމުތަކަށް މާލީ ގޮތުން ދިމާވާ ގޮންޖެހުންތަކާ މެދު ވާހަކަ ދައްކަން މި ވަނީ ޖެހިފަ އެވެ.

"މާލީ ދާއިރާ މުއްސަނދިކުރާނެ ގޮތްތައް ހޯދުމަކީ މެދުފަންތީގެ އާމްދަނީއެއް އުފައްދާ ގައުމަކަށް ވަރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭ ކަމެއް. އެހެންކަމުން ހިންގުންތެރި ގުޅުމެއް ތަރައްގީވަމުންދާ ގައުމުތަކުގެ މެދުގައި އޮތުމަކީ މުހިއްމުކަމެއް ކަމުގައި ދެކެން،" މިނިސްޓަރު ދުންޔާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ދެކުނުގެ އިގްތިސާދީ ބާރުތައްކަމަށްވާ، ޗައިނާއާ ސައޫދި އަރަބިއާ ފަދަ ގައުމުތަކާއެކު ރާއްޖެއިންވަނީ ގުޅުން ވަރުގަދަ ކޮށްފަ އެވެ. ތަރައްގީގެ ދުވެލީގައި ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކާ ދަތިތައް އެގައުމުތަކުން ގަބޫލުކުރާ ކަމަށް ދުންޔާ ވިދާޅުވި އެވެ. ރާއްޖޭގެ އުމްރާނީ ތަރައްގީއަށް އެގައުމުތަކުން ދެމުންދާ އެހީތަކުން އެކަން ސާބިތުވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގެ އިތުރުން 18 ގައުމަކާ އެކު އދގެ ހަތް އޭޖެންސީއަކުން ބައިވެރިވި އެ ބައްދަލުވުމުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފަ އެވެ. ސައުތު-ސައުތު ކޯޕަރޭޝަނަކީ ތަރައްގީވަމުން އަންނަ ދެކުނުގެ ގައުމުތަކުގެ މެދުގައި ޓެކްނޮލޮޖީއާއި، ވަސީލަތްތައް ގާއިމުކުރުމުގައި ޕޮލިސީ ލެވެލްގައި މަސައްކަތްކުރުމަށް އދ އިން އުފައްދާފައިވާ ޖަމިއްޔާ އެކެވެ.

މި ޖަމިއްޔާ އުފެދުނީ 1978 ވަނަ އަހަރުއެވެ.