ހަބަރު

އައްޑޫއަށް އުދައެއް ނާރާ، އެއީ އާންމުކޮށް ރާޅު އަރާ ހިސާބެއް

Sep 27, 2015

މިއަދު މެންދުރުފަހުން ފެށިގެން އައްޑޫގެ އެކި ރަށްރަށަށް އުދަ އަރަމުން އަންނަ ކަމަށް ބުނެ ހަބަރު ފެތުރުނަސް އެއީ ދޮގެއް ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

މިއަދު މެންދުރު ފަހު 3:30 ހިތަދޫ ކުޑަކުދިންގެ ޕާކާ ދިމާލަށް ކޮންމެވެސް ވަރަކަށް ރާޅު އެރި އެވެ. އެހެން ނަމަވެސް އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތޮއްޔިބު ވިދާޅުވީ އެ ސަރަހައްދަކީ އަބަދުވެސް ދިޔަވަރު ބޮޑު އިރު ލޮނުގަނޑު އަރާ ސަރަހައްދެއް ކަމަށެވެ. އަދި މިއަދުވެސް އެ ސަަރަހައްދަށް ރާޅު އެރީ ހަމަ އެހެން ދުވަސް ދުވަހެކޭ ވެސް އެއްގޮތަށް ދިޔަވަރު ބޮޑުވި ވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ އާދަޔާ ހިލާފަށް އުދައެރުމެއް ނޫން. އެ ސަރަހައްދަށް ހަމަ އެހެން ދުވަސްވަރު ވެސް ދިޔަވަރު ބޮޑުވާ އިރު އުދަ އެ އެރީ. އޭގައި ނެތް އާދަޔާ ހިލާފު ރައްޔިތުން ކަންބޮޑުވާން ޖެހޭ ކަމެއް،" ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުޅުދޫ އަށް ވެސް އުދައެރިކަމަށް އަޑުތައް ފެތުރުނަސް އެކަމުގައި ހަގީގަތެއް ނެތް ކަމަށެވެ. އަދި އެކަން ބެލީއިރު އެ ރަށަށް ރާޅު އަރާފައި ނެތް ކަމަށް ވިދާޅުވި އެވެ.

ސިފައިން ވެސް ބުނީ ވަކި އާދަޔާ ހިލާފަށް އައްޑުއަށް އުދައަރާފައި ނެތް ކަމަށެވެ. އެހެން ނަމަވެސް އެކަހަލަ ރިޕޯޓްތަކެއް އުޅޭތީ އެކަން މޮނީޓާ ކުރަމުން އަންނަ ކަމަށް ފުލުހުންނާއި ސިފައިން ވެސް ބުންޏެވެ.

މިރޭ ރާއްޖެ ގަނޑިން ފަތިހު ހިފަން ފަށައި ނާދިރު ހަނދުކޭތަ ރަތް ހަނދުކޭތަ ނޫނީ "ސުޕަ މޫން ލޫނާ އެކްލިޕްސް"ގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލި، މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހާ ހަމަޔަށް އުދައިގެ އަސަރު ރާއްޖޭގެ ބޮޑު ބަޔަކަށް ކުރާނެ ކަމަކަށް މީޓްރޮލޮޖީ އިން ވަނީ ލަފާކޮށްފަ އެވެ. އެކަމާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ފުލުހުންނާއި ސިފައިން އަންނަނީ ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން ރަށްރަށުގައި ވެލި ގޯނި އަންނަނީ ޖަހަމުންނެވެ.