ދުނިޔެ

ދެ ކޮރެއާ މައްސަލަ ހޫނުވެ، ލިއޭޒަން އޮފީސް ގޮއްވާލައިފި

Jun 16, 2020

ޕިޔޮންގްޔެންގް (ޖޫން 16) - އުތުރު ކޮރެއާގެ ވެރިންނަށް ފާޑުކީ މައްސަލަ ހޫނުވެ، އަނެއްކާ ވެސް ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައި، ދެ ކޮރެއާ މެދުގައި މަޝްވަރާ ކުރަން ގާއިމު ކޮށްފައިވާ ލިއޭޒަން އޮފީސް، އުތުރު ކޮރެއާ އިން ގޮއްވާލައިފި އެވެ.

ދެ ކޮރެއާ ގުޅޭ ބޯޑަރުގައި، އުތުރު ކޮރެއާގެ ސަރަހައްދުގައި 2018 ވަނަ އަހަރުން ފެށިގެން ގާއިމު ކޮށްފައިވާ އޮފީސް ގޮވައްލާފައި މިވަނީ، ދެކުނު ކޮރެއާ އާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އުތުރު ކޮރެއާ އިން ދިން ތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގަ އެވެ.

މިފަހަރު ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދުނީ، އުތުރު ކޮރެއާގެ ސަރުކާރަށް ފާޑު ކިޔާފައިވާ ލީފްލެޓްތަކެއް، ގައުމު ދޫކޮށް ދެކުނުގައި ދިރިއުޅެމުން ދާ މީހުން ފޮނުވި މައްސަލައިގަ އެވެ.

އެކަން ކުރަމުން ދަނީ، ދެކުނު ކޮރެއާއިން ހިތްވަރު ދީގެން، އުތުރު ކޮރެއާގެ ވެރިކަމާ ދެކޮޅަށް ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފައްދައި، ހަމަޖެހުން ނަގާލަން ހިތްވަރު ދިނުމަށް ކަމަށް އުތުރު ކޮރެއާ އިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

އެ މައްސަލާގައި މި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން، ދެކުނު ކޮރެއާ އާއެކު އޮންނަ ރަސްމީ މުވާސަލާތީ ގުޅުން ކަނޑާލައިފަ އެވެ.

ދެކުނު ކޮރެއާއަކީ ދުޝްމަނެއް ކަމަށް ބުނެ، މުވާސަލާތީ ގުޅުން ކަނޑާލުމަކީ ފުރަތަމަ ފިޔަވަޅުގެ ގޮތުގައި އިތުރު ކޮރެއާ އިން ވަނީ ބުނެފަ އެވެ.

އެގޮތުން، ދެ ގައުމު ގުޅޭ ބޯޑަރުގައި 2018 އިގެ މަޝްވަރާތަކަށް ފަހު ގާއިމު ކޮށްފައިވާ ލިއޭޒަން އޮފީހުގެ މެދުގައި ކޮންމެ ދުވަހަކު މަޝްވަރާ ކުރުމަށް ކުރެވޭ ފޯނު ކޯލުތައް ވެސް ވަނީ ހުއްޓާލައިފަ އެވެ.

އަދި ދެ ގައުމުގެ ވެރިންގެ މެދުގައި ގާއިމުކޮށްފައިވާ ހޮޓްލައިންގެ އިތުރުން އަސްކަރިއްޔާ އާ ދެމެދު އޮންނަ މުވާސަލާތީ ގުޅުން ވެސް ވެސް ވަނީ ކަނޑާލައިފަ އެވެ.

މިދިއަ ޖެނުއަރީ މަހުން ފެށިގެން، ކޮވިޑް-19 އިގެ ސަބަބުން، އެ އޮފީސް ހުރީ ހުސްކޮށެވެ. އަދި އެ އޮފީސް ރޫޅާލާނެ ކަމުގެ އިންޒާރު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ގެ އަންހެން ކޮއްކޮ ކިމް ޔޯ-ޖޮންގް މީގެ ކުރިން ވަނީ ދެއްވައިފަ އެވެ.

ފަހަކަށް އައިސް ގައުމު ހިންގުމުގެ އިސް ސަފުން ފެންނަން ފަށާފައިވާ ކިމް ޔޯ-ޖޮންގް ވަނީ ދެ ކޮރެއާ ގުޅޭ ބޯޑަރު ސަރަހައްދަށް ބަރު ހަތިޔާރާއެކު ސިފައިން ފޮނުވާނެ ކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ.