ހަބަރު

މަޖިލިސް ހަމަނުޖެހުން: ކޮމިޓީން މެންބަރުންގެ ބަޔާން ނަގަން ނިންމައިފި

Jun 16, 2020

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްއަށް އަނިޔާކޮށް މަޖިލީހުގެ ތަޅުމުގައި ހަމަނުޖެހުން ހިންގި މައްސަލަ ސަބް ކޮމިޓީއަށް ފޮނުވައި، މެންބަރުންގެ ބަޔާން ނަގަން ރައްޔިތުން މަޖިލީހުގެ އިމްތިޔާޒުތަކާއި ސުލޫކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.

މިމަހު 1 ގެ ދަންވަރު މަޖިލީހުގައި ބޭއްވި ޖަލްސާގައި ހަމަނުޖެހުން ހިންގައި، ޝިޔާމްއަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް ފޮނުވީ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް އެވެ. އެ ސިޓީއަށް ޖަވާބެއް ނުލިބި އޮތުމަށް ފަހު މިއަދު އިދިކޮޅު ފަރާތްތަކުން އެކަމާ ގުޅޭ ގޮތުން ބަޔާނެއް ނެރުމުން މިއަދު ވަނީ އެ މައްސަލައިގެ ކޮމިޓީ ބައްދަލުވުންު ކުރިޔަށް ގެންދަން ނިންމައިފަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ވަނީ އެ މައްސަލަ ވަރަށް ސީރިޔަސްކޮށް ބެލުމަށް ތާއީދުކޮށްފަ އެވެ. އެގޮތުން ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިޝާމް ވިދާޅުވީ އެ މައްސަލައަކީ ކޮންމެހެން ވެސް ބަލަން ޖެހޭ މައްސަލައެއް ކަމަށާއި އޭނާގެ އެއްބާރުލުން އެކަމަށް ލިބޭނެ ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލަ ހުށަހެޅި ޕާޓީގެ އެއްވެސް މެންބަރަކު ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައި ނުވާތީ އެކަމާ ކަންބޮޑުވާ ކަމަށް ވިޝާމް ވިދާޅުވި އެވެ.

"އަޅުގަނޑު އަދި އެދެން ކޮންމެ ޕާޓީއެއްގެ މެންބަރަކު ކަމުގައިވި ނަމަވެސް [ހަމަނުޖެހުމުގައި] ޝާމިލްވެވޭ ކަމަށް ތުހުމަތު ކުރެވޭ މީހެއް ނަމަ އެމްޑީޕީ މެންބަރެއް ވިޔަސް އެ މީހަކު އެކަމުން އެއްކިބާކޮށް ކުރިޔަށް ގެންދަން،" ވިޝާމް ވިދާޅުވި އެވެ.

މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވެސް ވިދާޅުވީ އެ މައްސަލައަކީ ރަނގަޅަށް އުސޫލުގެ ތެރެއިން ބަލަން ޖެހޭ ކަމެއް ކަމަށެވެ. އަދި އެ މައްސަލަ ބަލަން ސަބް ކޮމިޓީއެއް ހެދުމާއި އެ ކޮމިޓީން ހެކިންގެ ބަޔާން ނަގައި، ވީޑިއޯ ބަލައި އަދި ތަފްސީލް ރިޕޯޓެއް ކޮމިޓީއަށް ގެންނަން ހުށަހަޅާ ކަމަށް ރާއީ ވިދާޅުވި އެވެ. ރާއީ އިތުރަށް ވަނީ އެ ކޮމިޓީގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރާއި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިޝާމް އާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އެ ކޮމިޓީގައި ބައިވެރި ކުރުމަށް ހުށަހަޅައިފަ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވީ މަޖިލީހުގައި ހިނގައިގެން ދިޔައީ އެއްގޮތަކަށް ވެސް ހިނގައިގެން ވާނެ ކަމެއް ނޫން ކަމަށާއި މަޖިލީހުގެ ރައީސް ކަންތައް ކުރެއްވީ ވެސް އަމަލު ކުރަން ޖެހޭ ގޮތަކަށް ނޫން ކަމަށެވެ. އެހެންކަމުން މި މައްސަލަ ތަހުގީގު ކުރާއިރު ވެސް އިދިކޮޅު މެންބަރުންގެ ބައިވެރިވުން އޮންނަ ޖެހޭ ކަމަށާއި އެގޮތުން ފަސް މެންބަރުންގެ ސަބް ކޮމިޓީއެއް ނެގުމަށް ނާޒިމް ހުށަހެޅުއްވި އެވެ.

އެ ދެ ހުށަހެޅުމާ ބެހޭ ގޮތުން ކޮމިޓީގެ މެންބަރުން ބަހުސް ކުރެއްވުމަށް ފަހު ވޯޓެއް ނަގައި، ކޮމިޓީގެ އަގުލަބިއްޔަތުން ވަނީ މެންބަރު ރާއީގެ ހުށަހެޅުން ފާސްކޮށްފަ އެވެ. އަދި އެކަމާ ގުޅިގެން މިނިވަން މެންބަރެއް ގޮތުގައި ނޮޅިވަރަމް ދާއިރާ ތަމްސީލް ކުރައްވާ މުހައްމަދު ނަޝީދު ވަނީ ނުހުރުން ފާޅު ކުރައްވައި ފައެވެ. އެގޮތުން އެމްޑީޕީ މެންބަރުން މެޖޯރިޓީ އޮންނަ ކޮމިޓީއަކުން ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބެލުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.