ދުނިޔެ

މަޝްވަރާއަށް ނޫނެކޭ ބުނެ، އުތުރު ކޮރެއާ އިން ބޯޑަރަށް ސިފައިން ފޮނުވަނީ

Jun 17, 2020

ޕިޔޮންޔޭންގް (ޖޫން 17) - ހާއްސަ މަންދޫބުން މެދުވެރިކޮށް މަޝްވަރާއަށް ދެކުނު ކޮރެއާ އިން ހުށަހެޅި ހުށަހެޅުމަށް ނޫނެކޭ ބުނުމަށްފަހު، ދެ ކޮރެއާ ގުޅޭ ބޯޑަރަށް އަލުން ސިފައިން ފޮނުވާނެކަމަށް އުތުރު ކޮރެއާ އިން ބުނެފި އެވެ.

އުތުރު ކޮރެއާގެ ވެރިންނަށް ފާޑުކީ މައްސަލަ ހޫނުވެ، އަނެއްކާ ވެސް ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައި، ދެ ކޮރެއާ މެދުގައި މަޝްވަރާ ކުރަން ގާއިމު ކޮށްފައިވާ ލިއޭޒަން އޮފީސް، އުތުރު ކޮރެއާ އިން އިއްޔެ ވަނީ ގޮއްވާލައިފަ އެވެ.

ދެ ކޮރެއާ ގުޅޭ ބޯޑަރުގައި، އުތުރު ކޮރެއާގެ ސަރަހައްދުގައި 2018 ވަނަ އަހަރުން ފެށިގެން ގާއިމު ކޮށްފައިވާ އޮފީސް ގޮވައްލާފައި މިވަނީ، ދެކުނު ކޮރެއާ އާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އުތުރު ކޮރެއާ އިން ދިން ތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގަ އެވެ.

މިފަހަރު ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދުނީ، އުތުރު ކޮރެއާގެ ސަރުކާރަށް ފާޑު ކިޔާފައިވާ ލީފްލެޓްތަކެއް، ގައުމު ދޫކޮށް ދެކުނުގައި ދިރިއުޅެމުން ދާ މީހުން ފޮނުވި މައްސަލައިގަ އެވެ.

އެކަން ކުރަމުން ދަނީ، ދެކުނު ކޮރެއާއިން ހިތްވަރު ދީގެން، އުތުރު ކޮރެއާގެ ވެރިކަމާ ދެކޮޅަށް ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފައްދައި، ހަމަޖެހުން ނަގާލަން ހިތްވަރު ދިނުމަށް ކަމަށް އުތުރު ކޮރެއާ އިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

މަސްރަހު ފިނުކުރުމަށްޓަކައި، ދެކުނު ކޮރެއާގެ ރައީސް ވަނީ ސަރުކާރުގެ އިސް ދެ މަންދޫބުން ކަނޑައަޅުއްވައި، މަޝްވަރާގެ މޭޒަށް އައުމަށް އުތުރަށް ވެސް ދައުވަތު ދެއްވައިފަ އެވެ.

ނަމަވެސް ފަހަކަށް އައިސް ގައުމު ހިންގުމުގެ އިސް ސަފުން ފެންނަން ފަށާފައިވާ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް-އުން ގެ ކޮއްކޯފުޅު، ކިމް ޔޯ-ޖޮންގް ވަނީ "ހިލަތްތެރި" ހުށަހެޅުމަށް ސާފުކޮށް އިންކާރުކުރައްވައިފަ އެވެ.

އަދި ދެ ކޮރެއާގެ މެދުގައި މިހާރު އުފެދިފައިވާ މައްސަލައިގެ ފަހަތުގައި އޮތީ ދެކުނު ކޮރެއާގެ ސަރުކާރުގެ ނާގާބިލުކަމާއި އިހުމާލު ކަމަށާއި، މި މައްސަލައަށް ހައްލެއް ދެން އަންނާނީ، އެކަމުގެ ހައްގު އަގު އަދާކުރުމުން ކަމަށް ކިމް ޔޯ-ޖޮންގް ވިދާޅުވިކަމަށް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

އުތުރު ކޮރެއާގެ ނިއުކުލިއާ ހަތިޔާރު ނައްތާލުމަށް އެމެރިކާއިން އިސްވެ ކުރަމުންދާ މަސައްކަތްތައް މިހާރުވެސް ހުއްޓިފައިވާއިރު، މި މައްސަލައިގެ ތެރެއިން އެ މަސައްކަތަށް ވެސް ވަނީ އިތުރަށް ހިޔަނި އެޅިފަ އެވެ.