ހަބަރު

އިންޑިއާގެ އިންވެސްޓަރުންނަށް މަރުހަބާ ކިޔާނަން: ނައިބު ރައީސް

Sep 27, 2015

އިންޑިއާގެ އިންވެސްޓަރުންނަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށާއި އިގްތިސޯދީ ރޭހުގައި ރާއްޖެއިން އޮތީ އިންޑިއާއާއެކު މަސައްކަތް ކުރަން ތައްޔާރަށް ކަމަށް ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު ވިދާޅުވެއްޖެ އެވެ.

ރާއްޖެއާ އިންޑިއާގެ ބައިލޭޓްރަލް ގުުޅުމަށް 50 އަހަރު ފުރުން ފާހަގަކުރަން އިންޑިއާ ހައިކޮމިޝަނުން އިސްނަގައިގެން ބޭއްވި ސަގާފީ ހަފުލާއެއް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، އިންޑިއާއަކީ ރާއްޖޭގެ އިގްތިސޯދީ ތަރައްގީގައި މުހިއްމު ދައުރެއް އަދާކުރާ ގައުމެއް ކަމަށެވެ. ރާއްޖެއާ އިންޑިއާގެ ގުޅުމަކީ ތެދުވެރިކަމާއި ވަފާތެރިކަމާއި އެހީތެރިކަމުގެ މައްޗަށް ބިނާވެފައި އޮތް ގައުމެއް ކަމަށާއި، އިންޑިއާ އަކީ ރައީސް އަބްދުﷲ ޔާމީނުގެ އިގްތިސާދީ އެޖެންޑާގައި ހިމެނޭ ލަނޑުދަނޑިތައް ހާސިލުުރުމުގައި ވެސް މުހިއްމު ބައިވެރިއަކަށް ވާނެ ގައުމެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި، ރާއްޖޭގެ އުމްރާނީ ތަރައްގީ ގެނައުމުގައިވެސް އިންޑިއާއިން މުހިއްމު ދައުރެއް އަދާކޮށްފައިވެ އެވެ. ރާއްޖެއަށް ދަތި ދިމާވާ ކޮންމެ ދަނޑިވަޅެއްގައި އެންމެ ގާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ދެގައުމުގެ މެދުގައި ދެމެހެއްޓެނިވި ހަރުދަނާ ގުޅުމެއް ގާއިމްކުރަން އެގައުމުން ވަނީ ގިނަ މަސައްކަތް ތަކެއް ކޮށްފައި ކަމަށް ވެސް ވިދާޅުވިއެވެ.

"މި އަހަރަކީ އިންޑިއާ ރާޢްޖޭގެ ގުޅުމަށް ވެސް 50 އަހަރު ފުރޭ އަހަރު. އިންޑިއާ އިން ވަނީ ރާއްޖޭގެ ތަރައްގީގެ ގިނަ ކަންތައްތަކެއް ހިއްސާކޮށްފައި. އެކަން އެގޮތަށް ބާއްވަން ހައި ކޮމިޝަނާ ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރަން. މި ސަރުކާރުގެ އިގްތިސާދީ އެޖެންޑާއާ އެސްއީޒެޑް ފަދަ މަސައްކަތްތަކަށް ތަރުހީބުދީ އެކަންކަމަށް އެއްބާރުލުންދެއްވާ ކަމަށްޓަކައި ރާޖީވް ސަހާރޭ އަށް ޝުކުރު ދަންނަވަން،" ނައިބު ރައީސް ވިދާޅުވިއެވެ.

ރާއްޖެ-އިންޑިއާ ބައިލޭޓްރަލް ގުޅުމަށް 50 އަހަރު ފުރޭނީ މިއަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ.