ހަބަރު

ރައީސް ހުންނެވި ލޯންޗްގައި ގޮވުމެއް! ރައީސަށް ގެއްލުމެއް ނުވެ ސަލާމަތްވި

Sep 28, 2015
2

 11:54: މިއަދުގެ ހާދިސާއާ ގުޅިގެން މައުމޫން ކަންބޮޑުވުން ފާޅު ކުރައްވައިފި. 

11:18 - ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި އިއްޒަތްތެރިން މިހާރު ގެންދަވަނީ ރައީސްގެ ދެކަނބަލުންގެ އަރިހަށް އައިޖީއެމްއެޗަށް ޒިޔާރަތް ކުރައްވަމުން. 

10:16 - ރައީސްގެ ލޯންޗްކޮޅު މިހާރު ސިފައިންގެ ހާއްސަ ޓީމެއްގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ދަނީ ތަހުގީގު ކުރަމުން. 

10:02 - ހާދިސާ ހިނގި ވަގުތުގެ ވީޑިއޯތަކުން ފެންނަ ގޮތުގައި ލޯންޗް ފާލަމަށް ކައިރި ކުރި ވަގުތު ކުއްލިއަކަށް ގޮވުމެއް ގޮވި. އަދި ލޯންޗްގެ ފަހަތު ދޮރުފަތް ވެއްޓި ލޯންޗުން ދުންގަނޑެއް އެރިތަން ފެނުނު. އަދި އެއާ އެކު ހަޅޭލައްވަމުން ބައެއް ބޭފުޅުން ލޯންޗުން ނިކުތްތައް ފެނުނު. އަދި ރައީސް ވެސް އަނބިކަބަލުންގެ ހާލުކޮޅު ދެރަވެގެން އެހީތެރިވެ ވަޑައިގަންނަވަން އުޅުނު. އެހެން ނަމަވެސް ބޮޑީ ގާޑުން ވަނީ އެމަނިކުފާނު ފުލުހުންގެ ލޯންޗަަކަށް އަރުވާފައި. 

10:01 - ރައީސްގެ ބޮޑީ ގާޑް ވެސް މިހާރު އައިޖީއެމްއެޗަށް ބަދަލު ކުރަނީ. 

9:09- ރައީސްގެ އަނބިކަބަލުންނަށް ކޮންމެވެސް ވަރަކަށް އަނިޔާވި. އައިޖީއެމްއެޗްގައި ޗެކަޕްތަކެއް ދަނީ ހައްދަވަމުން. މެޑަމްގެ ހާލު ސްޓޭބަލް ކަމަށް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވި. 

 

8:57: ރައީސްގެ އެންމެ ކައިރީގައި ހުންނެވި ބޮޑީ ގާޑަށް ހާދިސާގައި އަނިޔާވެ އޭޑީކޭގައި އަންނަނީ ފަރުވާދެމުން. 

8:53 - ރައީސުލްޖުމްހޫރިއްޔާއަށް އެކްސިޑެންޓްގައި ކަމެއް ނުވެ ހުންނެވީ ހެޔޮ ހާލުގައި: ރައީސް އޮފީސް 

8:33 - ރައީސްގެ ލޯންޗްކޮޅުގައި ތިބި އެންމެން މިހާރު ވަނީ ބާލާފައި. ރައީސްވެސް ނެތް. 

8:28- އަނިޔާވި ބޭފުޅުން އެމްބިއުލެންސްތަކުގައި މިހާރު ދަނީ ހޮސްޕިޓަލަށް ގެންދަމުން. ސަރަހައްދުގައި ތިބި ބައެއް ނޫސްވެރިން ބުުނީ، އެކްސިޑެންޓްވުމާ އެކު ޕޮލިސް ލޯންޗަކަށް ރައީސް އަރުވައިގެން ގެންދިޔަ ކަމަށް. އެކަމަކު އެކަން ޔަގީނެއް ނުވޭ. 

8:25: ލޯންޗް ދެ ނަމްބަރު ފާލަމާ ގާތްކޮށް ލޯންޗުން މީހުން ބޭލުމުގެ މަސައްކަތް ދަނީ ކުރިއަށް. ނޫސްވެރިން ވަނީ ފޮރިން މިނިސްޓްރީއާ ހަމަޔަށް ފަހަތަށް ޖައްސާފައި. 

8:15: އެ ސަރަހައްދުގައި ހުރި އަވަސްގެ ނޫސްވެރިޔާ ބުނީ ރައީސްގެ ލޯންޗްކޮޅު އިއްޒުއްދީން ފާލަމަށް ކައިރި ކުރަން އުޅެނިކޮށް ވަރަށް ބާރު ގޮވުމެއްގެ އަޑު އިވުނު ކަމަށް. އަދި އެއާއެކު ލޯންޗްގެ ފަހަތު ދޮރު ވެއްޓުނު ކަމަށް. އަދި ލޯންޗްގެ ތެރެއިން ހަޅޭކާއި ރުއިމުގެ އަޑު އިވުނު ކަމަށް. ލޯންޗް ފާލަމުގައި ޖެހި ފާލަން ވެސް ގުޑިކަމަށް. 

---