ރިޕޯޓް

ރައީސްގެ ލޯންޗްގައި ގޮވުމެއް: މުޅިތަން ދިޔައީ ގުޑައިގެން، ދެން އިވުނީ ރުއިމުގެ އަޑު

Sep 28, 2015

ރައީސްގެ ލޯންޗް ކޮޅު ރަސްމީ ފާލަމަށް ކައިރި ކުރަމުން ދަނީ އެވެ. އަޅުގަނޑުގެ އަތުގައި އޮތް ރިކޯޑަރު ތައްޔާރު ކޮށްލީ، ރައީސް ޔާމީން ފައިބާ ވަގުތައް އިންޓަވިއުއެއް ނަގާށެވެ. އެކަމަކު މަންޒަރު ދިޔައީ ބަދަލު ވެގެންނެވެ. ލޯންޗުގެ ފަހަތު ކޮޅު އިއްޒުއްދީން ފާލަމަށް ކައިރި ކުރަން ފެށުމާއެކު ބާރު ގަދަ ގޮވުމެއްގެ އަޑެއް އިވުނެވެ. އެއާއެކު ލޯންޗުގެ ތެރެއިން ކަޅު ދުންތަކެއް އަރައިގަތީ އެވެ.

އަޅުގަނޑެކޭ އެއްގޮތަށް އެހެން ނޫސްވެރިންނަށާއި ވަށައިގެން ތިބި އެންމެންނަށް ވެސް ލިބުނީ ޝޮކެކެވެ. ކޮޅުކޮޅަށް މީހުންތައް ދުވެގަތީ އެވެ. އެއް ބަޔަކު ތިބީ ގަބުވެފަ އެވެ. ދެން ފެނުނީ ރައީސްގެ ލޯންޗް ކޮޅުގެ ފަހަތު ދޮރުފަތް ވެއްޓުނު ތަނެވެ.

އެއާ އެކު ރައީސް އިންނެވި ލޯންޗުކޮޅުގެ ތެރެއިން ހަޅޭއްލަވަމުން ރޮމުން މީހުން ނިކުންނަން ފެށީ އެވެ. އެ ގޮވުމުގެ ބާރުމިނާއެކު ހަމަ އެވަގުތު ލޯންޗު އައިސް ޖެހުނީ އިއްޒުއްދީން ފާލަމުގެ ކޮޅުގަ އެވެ. އެއާއެކު މުޅި ފާލަމަށް ލޮޅުން އެރި އެވެ.

ލޯންޗު ތެރޭގައި ތިބި މީހުންގެ ރުއިމާ ހަޅޭކުގެ އަޑާއެކު ފާލަން މަތީގައި ތިބި ނޫސްވެރިންނަށް ވެސް ވާނުވާއެއް ނޭނގުނެވެ. އިނގޭ ކަމަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިންނެވި ލޯންޗްގައި އެއްޗެއް ގޮވިކަމެވެ. ވެގެން އުޅޭ ގޮތެއް، ވާން އުޅޭ ގޮތެއް އެވަގުތު އެކަކަށް ވެސް ނޭނގެ އެވެ. ރައީސްގެ ހާލުކޮޅެއް ވެސް އަނބިކަބަލުންގެ ހާލުކޮޅެއް ވެސް ނޭނގެ އެވެ. ފެންނަމުން ދިޔަ މަންޒަރަކީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި ފިޝަރީޒް މިނިސްޓަރު މުހައްމަދު ސައިނީ ވެސް ހަޅޭއްލަވަމުން ރޮމުން ކަހަލަ ގޮތަކަށް ކޮންމެވެސް މީހަކަށް އެހީތެރިވާތަން ވެސް ފެނުނެވެ. ލަފާވާ ގޮތުން ވެއްޓި ވަޑައިގެންފައި އޮތީ ރައީސްގެއަނބިކަބަލުންނެވެ.

އޭރުވެސް ލޯންޗުކޮޅުގެ ދޮރުފަތް ވެއްޓިފަ އޮތުމުން ދޮރުފަތް އެތެރެއަށް ވެއްޓިޔަ ނުދޭން އޭގައި ތިއްބެވި ރައީސްގެ ބޮޑީ ގާޑުން ހަރަކާތް ކުރާތަން ފެނެ އެވެ. ވެގެން އުޅޭ ގޮތް ކުޑަކޮށްވެސް ފަހުމްވީ ލޯންޗުކޮޅުގެ ތެރެއަށް ފެތުރިފައިވާ ދުންގަނޑު ފެނުނީމައެވެ. އެއްޗެއް ގޮވީކަން ޔަގީނެވެ. އޭރު ވެސް ރޯ މީހުން ރޮނީ އެވެ. ހަޅޭލަވާ މީހުން ހަޅޭއްލަވަނީ އެވެ.

އިރުކޮޅެއްގެ ތެރޭގައި ލޯންޗުކޮޅު ފާލަމާ ދުރަށް ޖައްސައި ދެ ނަންބަރު ފާލަން ކައިރީގައި އޮތް ފުލުހުންގެ ލޯންޗަކަށް މީހުން ބާލަން ފެށި އެވެ. އެމްބިއުލަންސްތަކުގެ ސައިރަންގެ އަޑާ އެކު އަތްދަނޑި މަތީގައި ލޯންޗުން ބޭލި ދެ ތިން މީހަކު އެމްބިއުލަންސަށް އެރުވިތަން ފެނުނެވެ.

ފުލުހުންގެ އެންގުމާއެކު ނޫސްވެރިން މާ ދުރަށް ޖައްސާފައިވުމުން އެވަގުތުގެ މަންޒަރު ސާފެއް ނުވި އެވެ.

ޔަގީންވާ ކަމަކީ މިއަދު ލޯންޗުކޮޅު ތެރޭގައި ހިނގި ހާދިސާއަކީ ކޮންމެވެސް އެއްޗެއް ގޮވައިގެން ހިނގި ކަމެއް ކަމެވެ. ގޮވީ ކޯއްޗެއް ކޮންގޮތަކަށް ކަމެއް ބުނަން އަދި ދައްޗެވެ. އެވަގުތު އެތާނގައި ތިބި ބައެއް މީހުން ބުނަމުން ދިޔައީ ލޯންޗުކޮޅުގެ އިންޖީނު ގޮވީ ކަމަށެވެ. އެކަމަކު އެއީ ރަނގަޅު މައުލޫމާތެއްހެން ހިޔެއް ނުވެ އެވެ. ސަބަބަކީ ޖެޓީ ސަރަހައްދުން މީހުން ހުސްކުރުމަށްފަހު ތިން ނަންބަރު ފާލަމަށް ލޯންޗުކޮޅު ގެންދިޔައީ ދުއްވާފައި ކަމަށް ވާތީ އެވެ. އެގޮވުމުގެ ހަގީގަތެއް އިނގޭނީ މައްސަލަ ތަހުގީގު ކުރުމުންނެވެ. އަދި އެކަން މި އޮތީ ވާނުވާ ކަމެއްގެ ތެރޭގަ އެވެ.