ހަބަރު

ސާވޭއަކަށް ފަހު ބެޔަސް ނުބެޔަސް ސްކީމަށް ބަދަލުތަކެއް ގެންނަނީ

Sep 29, 2015

މަސްވެރިކަށް ދަށް ދުވަސްވަރު، މަސްވެރިންގެ ހަރަދުތައް ފޫބައްދަން ދޫކުރާ، "ބެޔަސް ނުބެޔަސް ސްކީމު" އަށް ބަދަލުތަކެއް ގެންނަން ހަދަމުން ގެންދާ ސާވޭ އަންނަ މަހު ނިންމާލެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ބެޔަސް ނުބެޔަސް ސްކީމް ރިވިއު ކުރުމުގެ ގޮތުން ހަދާ "ކޯސްޓަލް ލާނިން ސާވޭ" އަންނަ މަހު ނިންމާލެވޭނެ ކަމަށެވެ. މި ދިރާސާގެ ދަށުން މަސްވެރިންނަށް ލިބޭ އާމްދަނީ އާއި ހަރަދުތަކާ، ތެލާއި ފެނަށް ކުރާ ހަރަދު ވެސް ބަލާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ. ގިނައިން މަސްވެރިކަން ކުރާ ރަށްރަށުގައި ހަދަމުން އަންނަ އެ ސާވޭގެ ނަތީޖާއަށް ބަލައި އެ ސްކީމަށް ބަދަލުތަކެއް ގެންނާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ. އެ މިނިސްޓްރީ އިން ބުނާ ގޮތުގައި މިއަހަރު ނިމުމުގެ ކުރިން ބައެއް ބަދަލުތައް ސްކީމަށް ގެނައުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. 

ބެޔަސް ނުބެޔަސް ސްކީމް އެކުލަވާލާފައިވަނީ ކަނޑައެޅިފައިވާ "ޕްރިމިއަމް" އެއް ދައްކައިގެން ސްކީމްގައި ބައިވެރިވެވޭ ގޮތަށެވެ.

65 ފޫޓަށްވުރެ ބޮޑެތި އުޅަނދު ފަހަރުގެ މަސްވެރިންނަށް 10،000ރ. މި ކެޓަގަރީގެ ޕްރިމިއަމްއަކީ މަހަކު 500ރ. އަހަރަކަށް 6،000ރ.

65-45 ފޫޓުގެ އުޅަނދު ފަހަރުން މަހަށްދާ މަސްވެރިއަކަށް މަހަކު 5،000ރ. ލިބޭ، ޕްރިމިއަން މަހަކު 400ރ. އަހަރަކަށް 4،800ރ.

45 ފޫޓުން ދަށުގެ އުޅަނދު ފަހަރުން މަހަށް ދާ މަސްވެރިންނަށް 3،500ރ. ޕްރިމިއަމް މަހަކު 350ރ. އަހަރަކަށް 4،200ރ.

މި ސްކީމުގައި މިހާތަނަށް ބައިވެރިވެފައިވަނީ އެންމެ ދޯންޏަކުންނެވެ. އެއީ ގާތްގަނޑަކަށް 20 ފަޅުވެރިން ތިބި "ކުރު މަސް" ދޯނިން އެކަންޏެވެ. މި ސްކީމުގެ ދަށުން އެންމެ ފުރަތަމަ އެ ދޯނީގެ ކޮންމެ ފަޅުވެރިއަކަށް 9،997ރ. ލިބިފައިވެ އެވެ. ހަތަރު ފަހަރެއްގެ މަތިން އެ ދޯންޏަށް ފައިސާ ދުކޮށްފައިވެ އެވެ. އެކަމަކު މިއަހަރު އެއްވެސް ދޯންޏެއް އެ ސްކީމްގައި ބައިވެރިވެފައެއް ނުވެ އެވެ.