ވިޔަފާރި

ބަޖެޓުގެ ހޭދަ 11 ބިލިއަން ރުފިޔާ، ލިބުނީ ހަ ބިލިއަން

Jun 20, 2020

ދައުލަތުގެ ބަޖެޓުން މިހާތަނަށް 11.1 ބިލިއަން ރުފިޔާ ހޭދަކުރިއިރު، ލިބިފައިވަނީ 6.2 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސުން އާއްމުކުރި މިދިޔަ ހަފުތާގެ މާލީ ރިޕޯޓުގައިވާ ގޮތުން މި އަހަރަށް ފާސްކުރި 37 ބިލިއަން ރުފިޔާގެ ބަޖެޓުން މިހާތަނަށް 11.1 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި މި އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރިނަމަވެސް މިހާތަނަށް ލިބިފައިވަނީ 6.2 ބިލިއަން ރުފިޔާ އެވެ.

މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އެއްކޮށްފައިވާ ތަފާސް ހިސާބުތަކުގައިވާ ގޮތުން، ޓެކުހުގެ ގޮތުން ލިބިފައިވަނީ 5.1 ބިލިއަން ރުފިޔާ އެވެ. އަދި ޓެކްސް ނޫން ގޮތް ގޮތުން އާމްދަނީގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ލިބުނުއިރު، ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 25 މިލިއަން ރުފިޔާ އެވެ.

ފިނޭންސުން ބުނެފައިވާ ގޮތުގައި މިހާތަނަށް ދައުލަތުގެ ބަޖެޓުން މުސާރަ، އިނާޔަތް އަދި ޕެންޝަނަށް 4.7 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި އޮޕަރޭޝަނަށް ހަރަދުތަކަށް 3.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް މި އަހަރު ލިބޭ އާމްދަނީ އިން 14.6 ބިލިއަން ރުފިޔާ މަދުވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.