އާދަމް ޝަރީފު އުމަރު

ވަޒީފާގެ ބިލުން މުވައްޒަފުން މާޔޫސްވާނެ: ޝަރީފް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ވަޒީފާއާބެހޭ ބިލްގެ ސަބަބުން ވަޒީފާ އަދާކުރާ މީހުން އިތުރަށް މާޔޫސްވާނެ ކަމަށް އިދިކޮޅުން ބުނެފި އެވެ.

ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ހުށަހެޅުއްވި ބިލް މިހާރު ވަނީ ކޮމެޓީ މަރުހަލާގަ އެވެ.

އެ ބިލްގައި ހުރި ކަންބޮޑުވުންތައް ހާމަ ކުރައްވާ ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ވަޒީފާއާބެހޭ ބިލްގެ ސަބަބުން ވަޒީފާ އަދާކުރާ މީހުން އިތުރަށް މާޔޫސް ވާނެ ކަމަށެވެ.

މުވައްޒިފުންގެ ޕްރޮބޭޝަން މުއްދަތު ތިން މަހުން ހަ މަހަށް ދިގު ކުރުމާއި، ސަލާމް ބުނާ ކޮންމެ ދުވަަހަކު މެޑިކަލް ސެޓިފިކެޓް ހުށައަޅަން ޖެހުމާއި ސާވިސް ޗާޖް ދިނުމުގައި ޓްރާސްޕޭ ނެތުން އެއީ އެންމެ ކަންބޮޑުވާ ކަންކަން ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"ވަޒީފާއާއި ބެހޭ ބިލަށް އިތުރު ފަރާތްތަކާ މަޝްވަރާ ކުރައްވާ." ޝަރީފު ކުރެއްވި ޓްވީޓެއްގައި ގޮވާލައްވާފައި ވެއެވެ.

މެންބަެރު އީސަ ހުށަހެޅުއްވި ބިލުގައި ހިމެނޭ ބައެއް ކަންކަމާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތައް އިތުރު ވެގެން ދިޔަ އެވެ. އެއީ ބިލުގައި ބަލި ވެގެން ސަލާން ބުނާ ކޮންމެ ދުވަހަކަށް ޑޮކްޓަރުގެ ލިޔެކިއުން ހުށަހަޅަން ޖެހޭ ގޮތަށް ބިލުގައި އޮތުމުންނާއި ހަ މަސް ދުވަހަށް ވަޒީފާގެ ޕްރޮބޭޝަން މުއްދަތު އިތުރު ކުރުމަށް ބިލުގައި އޮވެގެނެވެ.

އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑުވުމުން އެމްޑީޕީ ޕީޖީ ގުރޫޕުން ވަނީ ބިލަށް އިސްލާހު ގެންނާނެ ކަމަށް ބުނެފަ އެވެ. އަދި 15 ދުވަހު އެމްސީއާ ނުލައި ސަލާމް ބުނެވޭ ގޮތް ހަދަން މަަސައްކަތް ކުރާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.