ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

"ޕާޓީގައި ނަން އޮތަކަސް ޑިމޮކްރެޓިކެއް ނުވާނެ"

ހަމައެކަނި ނަމުގެ ކުރިއަށް ޑިމޮކްރަސީ އައުމުން ޑިމޮކްރެޓިކް ޕާޓީއަކަށް ނުވާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު އެމްޑީޕީއަށް ބަހުގެ ހަމަލާއެއް ދެއްވައިފި އެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އެޑްވައިޒަރުގެ މަގާމަށް ރައީސް ވަހީދު މިރޭ ވަނީ ހަމަޖައްސަވާފަ އެވެ.

މ. ދިމްޔާތުގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ އެމަނިިކުފާނުގެ ތަސައްވުރަކީ ވަރުގަދަ ހަރަކާތްތެރި ސިޔާސީ ޕާޓީތަކެއް ރާއްޖޭގައި އޮތުން ކަމަށެވެ. އަދި ޕީޕީއެމަކީ އެފަދަ ޕާޓީއެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ ނަން ބޭނުންފުޅު ނުކުރައްވާ ރައީސް ވަހީދު ވިދާޅުވީ ޕާޓީއަށް ކިޔާ ނަމުގެ ތެރޭގައި ޑިމޮކްރަސީ އޮތުމަކުން އެ ޕާޓީއަކީ ޑިމޮކްރަޓިކް ޕާޓީއަކަށް ނުވާނެ ކަމަށެވެ.

"ޑިމޮކްރަސީ އަކީ ހަމައެކަނި ނަމެއް އޮތުމަކުންވާ ކަމެއް ނޫން. ޑިމޮކްރަސީއަކީ އެކަން އަމަލީ ގޮތުން ހިންގުމަށްޓަކައި ވަކި އުސޫލުތަކެއް ގެންގުޅޭ ނިޒާމެއް. ހަމައެކަނި ނަމުގެ ކުރިއަށް ޑިމޮކްރަސީ އައުމަކުންނެއް އަދި ޑިމޮކްރެޓިކް ޕާޓީއަކަށްވެސް ނުވާނެ،" ރައީސް ވަހީދު ވިދާޅުވި އެވެ.

ޑިމޮކްރަސީ އަކީ ހަމައެކަނި ނަމެއް އޮތުމަކުންވާ ކަމެއް ނޫން. ޑިމޮކްރަސީއަކީ އެކަން އަމަލީ ގޮތުން ހިންގުމަށްޓަކައި ވަކި އުސޫލުތަކެއް ގެންގުޅޭ ނިޒާމެއް. ހަމައެކަނި ނަމުގެ ކުރިއަށް ޑިމޮކްރަސީ އައުމަކުންނެއް އަދި ޑިމޮކްރެޓިކް ޕާޓީއަކަށްވެސް ނުވާނެ
ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު | ޕީޕީއެމްގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް

ރައީސް ވަހީދު ޕީޕީއެމްއާއި ގުޅިވަޑައިގެންފައި ވަނީ 2014 ވަނަ އަހަރު އެވެ. އެމަނިކުފާނު ވިދާޅުވީ ޕާޓީގެ އެޑްވައިޒަރުގެ މަގާމު ގަބޫލުފުޅު ކުރެއްވީ ތަސައްވުރަކާއެކު ކަމަށެވެ.

"އަޅުގަނޑުގެ ތަސައްވުރަކީ މި ޕާޓީއަކީ މިއީ އެންމެ ނިކަމެތި މީހާގެ ވެސް ހާލު ބަލާ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާ ޕާޓީއެއްގެ ގޮތުގައި ދެމި އޮތުން. އަދި ރައްޔިތުންނާއި އަޅުގަނޑުމެންނާ [ޕީޕީއެމް] އާ ދެމެދު އޮތް ގުޅުން ވަރުގަދަވުން."

ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ ރާއްޖެ މިހާރު އޮތީ ދެވަނަ ބޮޑުހަނގުރާމައަށް ފަހު ދެކޭނެ އެންމެ ހިތްދަތި ހާލަތުގައި ކަމަށެވެ. އެހެން ކަމުން މިއީ ގައުމީ މަސްލަހަތު އިސްކޮށް އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ.

ޕީޕީއެމްއަކީ ސުލަހައަށް ލޯބިކުރާ ޕާޓީއެއް ކަމަށްވެސް ވިދާޅުވި އެވެ.

"މި ވަގުތަކީ މިއީ، އެއްވެސް ހާލެއްގައި އެމީހެއްގެ އަމިއްލަ ޖަޒުބާތާ އަމިއްްލަ އެދުންތައް ކުރިއަށް ނެރެންވީ ވަގުތެއް ނޫން. އެއީ ރުޅިވެރިކަން ފާޅުކުރަންވީ ވަގުތެއް ނޫން. މިއީ އަޅުގަނޑުމެން އެކުވެރިވާން ޖެހޭ ވަގުތު. އަޅުގަނޑުމެން އެންމެން އެކީގައި މަސައްކަތް ކުރަންވީ ވަގުތު. އެއީ މި ދެންނެވިހެން ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން މިވަރުގެ ނުރައްކާތެރި މިވަރުގެ ދަތި ދުވަސްވަރެއް އަދި އަޅުގަނޑުމެންނާ ކުރިމަތިލާފައެއް ނުވޭ، އަދި އޮތީ ކުރިއަށް އަޅުގަނޑުމެން ކުރިމަތިލާންޖެހޭ ދަތިތައް."

ފެބްރުއަރީ 7 ގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ ގޮތާ ގުޅޭގޮތުން ނޫސްވެރިންގެ ސުވާލުތަކަށްވެސް ރައީސް ވަހީދު ވަރަށް ތަފްސީލްކޮށް ޖަވާބު ދެއްވިއެވެ. އަދި ކޯނީގެ ރިޕޯޓަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ވިދާޅުވިއެވެ.