"ލޯންޗުފަހަރު އަނދަނީ"
"އިންސާނުން ފިހެނީ"
"ބޮޑު ރާޅު އަރާނެ ކަމަށް ލަފާކުރެވެނީ"
"ހާދިސާތައް ގިނަވަނީ"
"އިބްރަތެއް! ފިލާވަޅެއް! ފުރުސަތެއް!"
"ތައުބާވާކަށް ނުވޭބާ؟"
"ޔާﷲ. އަޅަމެންގެ ތައުބާ ގަބޫލުކުރައްވާށި. ނަރަކައިގެ އަލިފާން އަދި މާ ހޫނުވާނެ."
މިއީ އާޅެމެއްގެ ތަންކޮޅެއް ނޫނެވެ. މިއީ މި ދުވަސްކޮޅު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާންމުން ތަޖުރިބާކުރަމުންދާ ނުރައްކާތެރި ހާދިސާތަކާއި ގުދުރަތީ މުސީބާތްތަކަށް އިޝާރާތްކޮށް ރާއްޖޭގެ ޝައިހަކު އޭނާގެ ފޭސްބުކް ޕޭޖުގައި ޝާއިއުކޮށްފައިވާ ކަންބޮޑުވުމެކެވެ.
ޝައިހް ވެސް އެ ބޭފުޅާގެ ފޭސްބުކް ޕޭޖުގައި ފާހަގަކުރައްވާފައިވާ ފަދައިން މި ދުވަސްކޮޅަކީ ގުދުރަތީ ހާދިސާތަކާއި ނުރައްކާތެރި އެކްސިޑެންޓްތައް ދިވެހިންގެ ގިނަ ބަޔަކު ތަޖުރިބާކުރަމުން ގެންދާ ދުވަސްކޮޅެކެވެ. ވަކިން ހާއްސަކޮށް މޫސުމް ގޯސްވެފައިވާ މި ދުވަސްކޮޅުގައި ކަނޑުމަތީގެ ނުރައްކާތެރި ސިލްސިލާ ހާދިސާތަކެއް ރިކޯޑްކުރެވެމުންދާކަން ވެސް ފާހަގަކޮށްލެވެ އެވެ.
ގުދުރަތީ މި މުސީބާތްތަކާއި ނުރައްކާތެރި އެކްސިޑެންޓްތަކާ ގުޅިގެން ދިވެހިންގެ ތެރެއިން ގިނަ ބައެއްގެ ހިތްތަކަށް ބިރުވެރިކަން ވަދެފައިވާކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.
މިސާލަކަށް މިއަދު ހެނދުނު ރައީސުލް ޖުމްހޫރިއްޔާގެ ރަސްމީ ލޯންޗްގައި ހިނގި ނުރައްކާތެރި ހާދިސާ އަކީ މި ބިރުވެރިކަން އިތުރުކޮށް ރާއްޖެ އަށް ނުވަތަ ދުނިޔެ އަށް ވަމުން މިދާ ގޮތާ މެދު އާންމުންގެ ހިތްތަކުގައި އުފެދިފައިވާ ސުވާލުތައް ވެސް އިތުރުކޮށްލި ކަމެކެވެ.
ރާއްޖޭގައި މި ދުވަސްކޮޅު ހިނގަމުންދާ ނުރައްކާތެރި ހާދިސާތަކާ އެކު އާންމުންގެ ހިތްތަކަށް ބިރުވެރިކަން ވަދެގެން އުޅޭއިރު މި އަހަރު މައްކާގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ހައްޖުވެރިންގެ ގިނަ އަދަދެއްގެ ބަޔަކު މަރުވުމަކީ ވެސް އާންމުންގެ މެދުގައި އުފެދިފައި އޮތް ބިރުވެރިކަން ބޮޑުކޮށްލި ކަމެކެވެ. އޮސްޓްރޭލިއާގެ ޖަޒީރާ ރަށެއްގެ ބިންގަނޑު އަޑިއަށް ދަމައިގަނެ އެ ސަރަހައްދު ފުން ކަނޑަކަށް ބަދަލުވެގެން ދިޔަ ޚަބަރު ވެސް ވީ ދިވެހިންގެ ހިތްތަކަށް ބިރުވެރިކަން ވެއްދި ގުދުރަތީ ހާދިސާއަކަށެވެ.
މިހެން ތިއްބައި މަދުން ނޫނީ ނުފެންނަ "ރަތް ހަނދުކޭތަ" އެއް ހިފުމާ އެކު އަނެއްކާވެސް އެތައް ބަޔަކު ބިރުން ފިތްކެނޑިގެން ދިޔައީ އެވެ.
ގިނަ ބަޔަކު މި މުސީބާތްތަކާއި ނުރައްކާތެރި ހާދިސާތައް ސިފަކުރަމުން އަންނަނީ ގިޔާމަތުގެ ބިރުވެރި އަލާމާތްތަކެއްގެ ގޮތުގަ އެވެ. ބައެއް މީހުން ބުނަމުން ގެންދަނީ ދުނިޔެ ނިމެނީ ކަމަށެވެ. އުދަ އެރުމާއި ހަނދުކޭތަ ހިފުން އަދި މީހުންނަށް ނުރައްކާތެރި ހާދިސާތައް ދިމާވެ މީހުން ފިހި އަނިޔާވަމުން ދަނީ ގިޔާމަތް ބޯމަތިވެފައިވާތީ ކަމަށެވެ.
ވަކިން ހާއްސަކޮށް މިގޮތަށް ވާހަކަ ދައްކައި އާންމުންގެ ހިތްތަކަށް ބިރުވެރިކަން ވައްދަމުން ދަނީ ސޯޝަލް މީޑިއާގައި އުޅުއްވާ ދީނީ އިލްމުވެރިންނާއި ދީނީ ފިކުރުތަކާ ގުޅުންހުރި ތަފާތު ޕޭޖުތައް ފޭސްބުކްގައި ހިންގާ ފަރާތްތަކުންނެވެ.
މިފަދަ ބިރުވެރި ހާދިސާތަކާ ގުޅުވައިގެން ގިޔާމަތުގެ ވާހަކަ ބައެއް ޝައިހުން ސޯޝަލް މީޑިއާގައި ފަތުރަމުން އަންނައިރު އެފަދަ ގޮތްގޮތަށް ވާހަކަ ނުދެއްކުމަށާއި ހަނދުކޭތައާ ގުޅުވައިގެން ދެކެވޭ އެފަދަ ވާހަކަތަކުގައި ސައްހަކަމެއް ނެތް ކަމަށް ކޭތަ ހުތުބާގައި ވެސް އެވަނީ ބުނެފަ އެވެ.
އަދި މިފަދަ ކަންކަމަކީ ހާއްސަކޮށް ކޭތަހިފުން ފަދަ ގުދުރަތީ ކަންކަމަކީ ﷲގެ ކޯފާ ކަމަށް ސިފަނުކުރުމަށް ވެސް އެ ހުތުބާގައި ގޮވާލައްވާފައިވެ އެވެ.
"ކޭތަހިފުމަކީ ﷲ ކޯފާވެ ވޮޑިގަތުމުން މެދުވެރިކުރައްވާ ކަމެކޭ ވެސް ނުބުނެވޭނެ އެވެ. އާނއެކެވެ. ކޭތަ ހިފުމަކީ ދުނިޔޭގެ ފަލަކީ ނިޒާމުގައި ﷲ ލައްވާފައިވާ ކަމެކެވެ. އޭގެ ސަބަބުން މީސްތަކުން ﷲ އަށް ބިރުވެރިވުމަށެވެ.،" ކޭތަ ހުތުބާގައިވެ އެވެ.
ކޭތަ ހިފުން ފަދަ ކަންކަން ﷲގެ ކޯފާގެ ގޮތުގައި ސިފަނުކުރުމަށް ގޮވާލި ނަމަވެސް ހުތުބާގައި ބުނެފައި ވަނީ އެފަދަ ކަންކަން މެދުވެރިވުމުން ﷲ އަށް ދުއާކޮށް ތަސްބީހަކިޔުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އެގޮތުން ނަމާދުކުރުމަކީ ވެސް ސުންނަތެއްކަން ޙުތުބާގައި ފާހަގަކޮށްފައިވެ އެވެ.
ނަމަވެސް ގިޔާމަތުގެ އަލާމާތޭ ކިޔައިގެން މީހުންގެ ހިތްތަކަށް ބިރުވެރިކަން ވައްދަމުން އަންނަ ފަރާތްތަކުގެ ކެމްޕޭން ދަނީ އަދިވެސް ކުރިއަށެވެ. މި ކެމްޕޭނުގައި ޖެހި ދިވެހިންގެ ގިނަ ބަޔަކު އެފަދަ ފޯސްޓްތައް ސޯޝަލް މީޑިއާގައި ޝެއާކުރަމުންދާކަން ވެސް ފާހަގަކޮށްލެވެ އެވެ.
މީގެ އިތުރުން މި ދުވަސްކޮޅު ދިމާވަމުންދާ ހިތާމަވެރި އަދި ނުރައްކާތެރި ހާދިސާތަކާ ގުޅިގެން އެކި ޝައިހުން އެމީހުންގެ ފޭސްބުކް ޕޭޖުތަކުގައި ލިޔަމުންގެންދާ ވާހަކަތަކަށް ފާޑުކިޔައި ކޮމެންޓް ކުރާ މީހުންވެސް އާންމުވެފައިވާކަން ފާހަގަކޮށްލެވެ އެވެ.
"މާދަން ރޭ ވެސް ޝޯ ބާއްވާފަ ނާޗަރަންގީ ކުޅެފަ މޯލްޑްވިއަން އައިޑޮލް ބާއްވާ އިބިލީހުގެ ދަރުބާރަށް މީހުން ވައްދަމުންދާނީ،" މިއީ ދިމާވަމުން މި ދާ ނުރައްކާތެރި އަދި ހިތާމަވެރި ހާދިސާތަކަކީ މުޖުތަމައުގެ އަމަލުތަކާ ގުޅިގެން ކުރިމަތިވަމުން އަންނަ "ކޯފާ" އެއްގެ ގޮތުގައި ސިފަކޮށް މީހަކު ފޭސްބުކްގައި ކޮށްފައިވާ ކޮމެންޓެކެވެ.
ހަމަ މި ޕޯސްޓެއްގައި އަނެކަކު ބުނެފައި ވަނީ މިހެންނެވެ.
"ގައިމު މައްކާގައި ސައޫދީ އައިޑޮލްއެއް ނުބާއްވާ. އެކަމަކު ކެރޭނު ވެއްޓި މީހުން ޗިސްވެ މަރުއެވީ. މިނާގައި މީހުން ފިތިގެން މަރުއެވީ. ދެން މި ޝައިހް މި ކިޔަނީ ކޭކޭބާ؟."
މިފަދަ މަސްހުނި ހިޔާލުތަކާ އެކު ސޯޝަލް މީޑިއާގައި ދީނީ އިލްމުވެރިންނަށް ހަމަލާތައް އިތުރުވަމުންދާކަން ފާހަގަކޮށްލެވެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ގޮވާލަމުން ދަނީ މީހުންގެ ހިތްތަކަށް ބިރުވެރިކަން ނުވެއްދުމަށެވެ.
އަނެއް ބަޔަކު މިފަދަ ޝައިހުންގެ ވާހަކަތައް ކިޔައި އަޑުއަހައި ބިރުން ފިތްކެނޑެނީ އެވެ.