ރިޕޯޓް

ރިޔާސީ ލޯންޗުގައި އެއްޗެއް ގޮވުން: ސޯޝަލް މީޑިޔާގެ ޖަޒްބާތު!

Sep 28, 2015

މިއަދު ހިނގާއި ދިޔައީ ރާއްޖޭގެ ތާރީހުގައި ވެސް ފާހަގަ ކުރެވޭ ކަމެކެވެ. ހިތާމަވެރި ކުއްލި ސިހުން ގެނައި ހާދިސާ އެކެވެ. ސަބަބުތައް ގިނަ އެވެ. އެއް ސަބަބަކީ މި ހާދިސާ ހިނގާފައިވަނީ ރާއްޖޭގެ އެންމެ މަތީވެރިން ދަތުރުކުރި އުޅަނދަކަށްވުމެވެ. މިއާއެކު، މި ހަބަރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފަތުއަޑު ކިޔާފައި ފެތުރުމާއެކު ސޯޝަލް މީޑިޔާގައި ވެސް މިހާރު އެންމެ "ކައްކަނީ" މިވާހަކަ އެވެ. ބައެއް މީހުންނަށް ކަންވީ ހައިރާން ކުރުވަނިވި ބޮޑު ހިތާމަ އަކަށެވެ. ނަމަވެސް އަނެއް ބަޔަކު ސިޔާސީ އޮޔެއްގައި ޖެހި ހުތުރުކޮށް މިވާހަކަ ދައްކަމުން ވެސް ދިޔަ އެވެ. 

"މާތްﷲ އަށް ޝުރުކު އަދާކުރަން ބޮޑު ގެއްލުމެއް ނުވެ ސަލާމަތްވި ކަމަށްޓަކައި. އެއްވެސް މީހަކަށް ގެއްލުމެއް ވުމަކީ މަ އެދޭ ކަމެއް ނޫން،" ފޭސްބުކްގައި ރަހުމަތްތެރިއެއް އޭނާގެ ވޯލްގައި ލިޔެފައިވަނީ މިގޮތަށެވެ.

ސިޔާސީ ކުލަ އެއް ފަރާތުގައި ބާއްވަމާ ހިނގާށެވެ! ރައީސް އަބްދުﷲ ޔާމީންގެ ދެ ކަނބަލުންނާއި ސަރުކާރުގެ އިސް ބޭފުޅުން މާލެ ދަތުރުކުރި ލޯންޗުގައި މިއަދު ހިނގި ހާދިސާއަކީ އިންސާނީ ނަޒަރިއްޔާތަކުން ބަލާއިރު ހަމަ ޔަގީނުން ވެސް ހިތާމަވެރި ހާދިސާއެކެވެ. މި ހާދިސާގައި ރައީސްގެ އަނބިކަނބަލުން މެޑަމް ފާތުންގެ އިތުރުން ޕްރޮޓޮކޯލްގެ އިސް ބޭފުޅަކާއި ރައީސްގެ ހަށިފާރަވެރިއަކަށް ވަނީ އަނިޔާވެފަ އެވެ.

މި ހާދިސާ ހިނގުމާއެކު ސޯޝަލް މީޑިއާ ބަންޑުންވީ ގުޅުންހުރި ފޮޓޯތަކާއި ޕޯސްޓުތަކުންނެވެ. އެތައް ބަޔެއްގެ އިހުސާސްތައް ބަންޑުންކޮށްލި އެވެ. ހާދިސާއާ ގުޅިގެން އެއްބަޔަކު ހިތާމަ ފާޅުކޮށް، މާ ބޮޑެތި ގެއްލުންތަކެއް ނުވާތީ އެކަމަށް ޝުކުރު ކުރަމުން ދިޔަ އިރު، އަނެއް ބަޔަކަށް މިއަދުގެ ހާދިސާ ވީ، ހިތުގައި އޮތް "ޒާތީ ހަސަދަ" ފިލުވާލި ކަމަކަށެވެ. އެ ފަދަ މީހުން މި ހާދިސާއާއެކު ފުރަތަމަވެސް ފެށީ، ރައީސާއި އެ މަނިކުފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުންނަށް ބަދު ދުއާކުރާށެވެ. ދެރަގޮތް މެދުވެރިކޮށްދެއްވުން އެދި ވާހަކަ ދެއްކި މީހުން ވެސް އެބަތިއްބެވެ. ހިތާމައިގެ ކޮޅެއް ނެތެވެ. ކޮންމެ ކުލައެއްގައި ތިއްބަސް މިއަދު އެވީ ކަމަކީ މާ މޮޅުކަމެއް ނޫނެވެ. އަދި އުފާވެރި ކަމެއް ވެސް ނޫނެވެ.

މި ކަމަށް ރައްދު ދޭ މީހުން ވެސް ސޯޝަލް މީޑިޔާގައި ގިނަ އެވެ. އެފަދަ މީހުން ދެކޭ ގޮތުގައި ހަދަސަވެރިވި ނަމަވެސް މިއީ ތަންފުކެއް ބޮޑެވެ. ކޮންމެއަކަސް އަނެކާ އަށް ދެރަ ލިބޭހިނދު އެކަމުގެ މައްޗަށް އުފާ ފާޅުކުރުމަކީ މާތް ﷲ ނަހީ ކުރައްވާފައިވާ ކަމެއް ކަމަށް ބުނެ، އެކަން އައީ ކުށްވެރި ކުރަމުންނެވެ.

ސިޔާސީ ރުޅިވެރިކަމުގައި އަދައި ހުލިވާއިރު، އިންސާނީ ހައްގުތަކޭ ކިޔާ އެއްޗެއްގެ ފަހަތުން ދުވެ ވަރުބަލިވާއިރު، އެއީ ކިހާ ވަރެއްގެ ޒިންމާއަކާއެކު އައިސްފައިވާ މިންގަނޑުތަކެއްކަން ދަސްކުރަންޖެހެ އެވެ. ނޭޕާލަށް އައި ބިންހެލުމުގެ ހާދިސާގައި މަރުވި މީހުންގެ މައްޗަށް މުޅި ގައުމު ހިތާމަ ކުރި އިރު، މިއަދުގެ ހާދިސާގައި ގައުމުގެ އަމިއްލަ ދަރިންތަކަކަށް ދެރަގޮތެއް ވީމާ އެކަމާ އުފަލުން އުޅުމަކީ ކޮން ކަހަލަ އިންސާނިއްޔަތެއް ހެއްޔެވެ؟

ކޮންމެއަކަށް މިއީ މިއަދު ސޯޝަލް މީޑިޔާއިން ފެނުނު މަންޒަރެކެވެ. އެ ހާދިސާއާ އެކު އުފެދިގެން އައި އުދާސްތަކެވެ.