ހަބަރު

ރިޔާސީ ލޯންޗްގައި ގޮވުމެއް: ތަހުގީގަށް އެހީތެރިވުމަށް ސައުދީގެ ފޮރެންސިކް ޓީމެއް އަންނަނީ

Sep 28, 2015

ރައިސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދަތުރުކުރެއްވި ރިޔާސީ ލޯންޗުގައި އެއްޗެއް ގޮވި ހާދިސާ ތަހުގީގު ކުރުމަށް ސައުދީ އަރަބިއްޔާގެ ފޮރެންސިކް ޓީމެއް މިރޭ ރާއްޖެ އަންނާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މިއަދު ހިނގި ނުރައްކާތެރި ހާދިސާ ހިނގައި ދިޔަ ގޮތް ތަހުގީގު ކުރުމަށް ބޭރު ފަރާތްތަކުގެ އެހީ އަންނަނީ ހޯދަމުންނެވެ. އަދި ސައުދީގެ ރަސްގެފާނު ރައީސް ޔާމީންއަށް ފޯނުން ގުޅުއްވައި، ސައުދީ ރަސްގެފާނުގެ ސީދަ ބެލުމުގެ ދަށުން ސައުދީގެ ފޮރެންސިކް ޓީމެއް މިރޭ މާލެ ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި އެވެ.

"މިއަދުގެ ހާދިސާ ތަހުގީގު ކުރުމަށް މިރޭ ސައުދީގެ ހާއްސަ ފޮރެންސިކް ޓީމެއް އަންނާނެ،" ފުލުހުންގެ އޮފިޝަލަކު ވެސް ޔަގީންކޮށްދެއްވި އެވެ.

ފުލުހުން މިއަދު ދިން ޕްރެސްގައި ބުނެފައި ވަނީ މި ހާދިސާ ތަހުގީގު ކުރެއްވުމަށް އެމެރިކާގެ ފެޑަރަލް ބިއުރޯ އޭޖަންސީ (އެފްބީއައި)ގެ އެހީ އާއި އޮސްޓްރޭލިޔާގެ އެހީ ހޯދާނެ ކަމަށެވެ.