ހަބަރު

ސީއެންއެންގެ ހަބަރު ބަދަލުކޮށްފި: "ބެލެވެނީ ހާދިސާ ހިނގީ މެކޭނިކަލް މައްސަލައަކުން ކަމަށް"

Sep 28, 2015

ރައީސްގެ ދެކަނބަލުން ދަތުރުކުރެއްވި ރިޔާސީ ލޯންޗްކޮޅުގައި ހިނގި ހާދިސާއަކީ ބަޔަކު ރާވައިގެން ކުރި ކަމެއް ކަމަށް ބުނެ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެން ޝަރީފް، މުންދު އާ ހަވާލާދީ ސީއެންއެންގައި ޖެހި ހަބަރު ބަދަލުކޮށްފި އެވެ.

އެހެން ނަމަވެސް އެ ހަބަރު މިހާރު ބަދަލުކޮށް މުންދު ވިދާޅުވި ކަމަށް ސީއެންއެން އިން ބުނަނީ ތަހުގީގު ކުރާ ފަރާތްތަކުން އެންމެ ބޮޑަށް ގަބޫލު ކުރަނީ އެއީ މެކޭނިކަލް މައްސަލައަކުން ދިމާވި ހާދިސާއެއް ކަމަށެވެ.

"މިއީ މިވެނި ގޮތަކަށް ހިނގި ކަމެކޭ އެބޭފުޅުން [އިންވެސްޓިގޭޓް ކުރާ ފަރާތްތައް] ނުނިންމާ. އެހެން ގޮތްގޮތައް ވެސް އެބޭފުޅުން ބައްލަވާ،" މުންދު ވިދާޅުވި ކަމަށް ސީއެންއެންގައިވެ އެވެ.

އެހެން ނަމަވެސް، ސީއެންއެންގައި މިހާރު އޮތް ލިޔުމުގައިވާ ގޮތުގައި، އެފަދަ ބޮޑު ގޮވުމެއް މެކޭނިކަލް މައްސަލައަކުން ދިމާވެދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް މުންދު މީގެ ކުރިން އެ ނޫހަށް ވިދާޅުވި އެވެ. އަދި އެ ގޮވުމުގެ ބާރުކަމުން ލޯންޗްގެ ތަންތަންގަނޑު ނެއްޓި އޭގެ ތެރޭގައި ތިބި ބޭފުޅުންގެ ގަޔަށް އެބައިތައް ބުރައިގެން ދިޔަ އެވެ.

ސީއެންއެންގައި އެންމެ ކުރިން ޖެހި ހަބަރު، ލޯކަލް މީޑިއާތަކުގައި ޖެހުމާ އެކު މުންދު ވަނީ އެއީ ރާވައިގެން ބަޔަކު ކުރިކަމެއް ކަމަށް ނުބުނާ ކަމަށް ބުނެ، އެކަން ދޮގުކޮށް އިންޓަވިއު ދެއްވަން ފައްޓަވައިފަ އެވެ.

މިއަދުގެ ހާދިސާއާ ގުޅިގެން ލޯކަލް މީޑިއާތަކަށާއި ބޭރުގެ ފަރާތްތަކަށް މައުލޫމާތު ދެއްވަނީ މުންދު އެވެ.