ލައިފްސްޓައިލް

40 އަހަރު ކުރިން ގެއްލުނު މާމަ އާއިލާއާ ހަމައަށް

ޕަންޗޫބާއީ ނަމަކަށް ކިޔާ މާމައެއް މީގެ 40 އަހަރު ކުރިން އިންޑިޔާގެ ނާގްޕޫރު ކިޔާ ރަށަކަށް ބޭސް ފަރުވާއަކަށް ދިޔުމަށް ދަތުރު ފެށި އެވެ. ނަމަވެސް އޭނާއަށް މަގު އޮޅިގެން ދެވުނީ މަދްޔަ ޕްރަދޭޝް ސްޓޭޓްގެ ކޮންމެވެސް އެހެން އަވަށަކަށެވެ.

އޭރު ޕަންޗޫބާއީއަށް 53 އަހަރެވެ. އޭނާއަށް މަގު އޮޅޭގޮތްވީ ކުޅަނދުރު ބައިގަނޑެއް އޭނާއަށް ހަމަލަ ދިނުމުން އޭގެން ސަލާމަތްވާން ދުވަން ހަދައިގެންނެވެ. އެންމެ ފަހުން ޕަންޗޫބާއީ އަށް ދެވޭ ނުދެވޭ ތަނެއް ނޭނގި ޑާމޯ ކިޔާ އަވަށަކަށް ދެވުމުން އެ އަވަށުން އޭނާއާ ބައްދަލުވީ ނޫރް ޚާން ކިޔާ މީހަކު އޭނާއަށް އެހީތެރިކަން ފޯރުކޮށް ދިނެވެ.

ޕަންޗޫބާއީ އަކީ މަހަރަޝްތުރާގައި އަސްލު ދިރިއުޅުނު މީހެކެވެ. އޭނާ ގެއްލުނުތާ 40 އަހަރު ފަހުން އޭނާގެ އަސްލު އާއިލާއާ ބައްދަލު ކުރެވޭ ގޮތް ޕަންޗޫބާއީއަށް ވަނީ ވެފަ އެވެ. ހުރިހާވެސް ޝުކުރެއް ރައްދުވަނީ އިންޓަނެޓަށެވެ. އިންޓަނެޓު ނެތްނަމަ އަދިވެސް އޭނާއަކަށް އާއިލާގެ މީހުން ވީތަނެއް ނޭނގުނީހެވެ.

ގެއްލިގެން ނޫރް ޚާން އުޅޭ އަވަށަށް ދެވުނުއިރު ޕަންޗޫބާއީއަށް މަރާޓީ ބަސް ނޫން އެހެން އެއްވެސް ބަހަކުން ވާހަކަ ދައްކާކަށް ނޭނގެ އެވެ. ނޫރް ޚާންގެ އާއިލާއާއެކު އެ ގޭގައި އެ އާއިލާގެ މެމްބަރެއްގެ ގޮތުގައި 40 އަހަރު ޕަންޗޫބާއީ ވަނީ ހޭދަކޮށްފަ އެވެ. އާއިލާގެ އެންމެން ވެސް އޭނާއަށް ކިޔަނީ ބޮޑުދައިތަ އެވެ.

ނޫރް ޚާން 2007 ގައި ވަނީ މަރުވެފަ އެވެ. ނަމަވެސް ނޫރްގެ ފިރިހެން ދަރިފުޅު އިސްރާރް އާއި އޭނާގެ އާއިލާއިން ވެސް ޕަންޗޫބާއީ އަށް ވަރަށް ރަނގަޅަށް ކަންތައްތައް ކޮށްދީފައި ވެއެވެ. އެމީހުން އޭނާ ދެކެނީ އަމިއްލަ މާމަގެ ގޮތުގަ އެވެ.

ޓައިމްސް އޮފް އިންޑިއާގައިވާ މި ރިޕޯޓު ބުނާ ގޮތުން އެއް ދުވަހަކު އިސްރާރް ފޯނުން ނެޓަށް ވަދެފައި ޕަންޗޫބާއީގެ މާޒީގެ ވާހަކަތަކުން ސުވާލު ކުރި އެވެ. އަދި ޕަންޗޫބާއީގެ އަމިއްލަ އަވަށް ހޯދޭތޯ މަސައްކަތް ކުރަން ފެށި އެވެ.
ޕަންޗޫބާއީ މަޑުމަޑުން "ކަންޖްނާމާ" "ޕެތުރޮޓް" އޭ ބުންޏެވެ. އިސްރާރު ގޫގުލްގައި މިހެން ޖަހައިގެން ހޯދަން ފެށި އެވެ. އަދި ޕެޓުރޮޓް އަކީ އަސްލު އޮންނަ އަވަށެއްކަން އެނގުމުން އެ ރަށުގެ މީހަކު ފެނޭތޯ ހޯދި ހޯދުމުން އަބީޝެކް ކިޔާ ކިއޮސްކް އޮޕަރޭޓަރެއް ފޯނު ނަންބަރެއް ލިބުނެވެ.

އިސްރާރް އެ ނަންބަރަށް ވަޓްސްއަޕް ކޮށްފައި ޕަންޗޫބާއީގެ ފޮޓޯތަކެއް ފޮނުވި އެވެ. އަދި އޭނާ ދަންނަ ކޮމިއުނިޓީ ގްރޫޕްތަކަށް ފޮޓޯތައް ފޮނުވައިގެން ޕަންޗޫބާއީ ދަންނަ މީހަކު ވޭތޯ ބަލައިދިނުމަށް އެދުނެވެ. އެގޮތުން ޕަންޗޫބާއީގެ އާއިލާގެ މީހުންނަށް އޭނާ ހުރި ތަން އެނގޭ ގޮތް ވިއެވެ.

ޕަންޗޫބާއީ 40 އަހަރު ވަންދެން ދިރި އުޅުނު އާއިލާއަށް އަލްވަދާއު ކިޔާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ދަނީ އޮންލައިންގައި ދައުރުވަމުންނެވެ. ޕަންޗޫބާއީ ދުނިޔޭގައި ހުރިކަން އެނގިގެން އޭނާގެ އާއިލާގެ މީހުން އޭނާ ބަލާ ގޮސް އުޅެނިކޮށް ނަގާފައިވާ މި ވީޑިއޯ ފެނިފައި ގިނަ ބަޔަކަށް ވަރަށް އަސަރުކުރި ކަމަށް އެކިއެކި ކޮމެންޓްތަކުގައި ބުނެފައި ވެއެވެ.

މިހާރު 93 އަހަރު ވެފައިވާ ޕަންޗޫބާއީގެ މާމަދަރިފުޅު ޕްރިތުވީ ކުމާރު ޝިންގަލް އަށް އޭނާގެ މާމަ ފުރަތަމަ ފަހަރަށް ފެނިފައިވަނީ އެ ދުވަހު އެވެ.

ޕަންޗޫބާއީ 40 އަހަރު ވަންދެން ދިރިއުޅުނު އަވަށުގެ މީހުން އޭނާއަށް ބެހެއްޓި އޯގާތެރިކަމާއި ދިން ލޯތްބާ މެދު އޭނާގެ އާއިލާއިން ތިބީ ބުނާނެ އެއްޗެއް ވެސް ނޭނގިފަ އެވެ. އަދި 40 އަހަރު ވަންދެން މާމަ އެހާ ރަނގަޅަށް ބަލަހައްޓައިދިނީތީ އެމީހުން ތިބީ ވަރަށް އުފާވެފަ އެވެ.

އަވަށު މީހުން ޕަންޗޫބާއީ އަށް އަލްވަދާއު ކިއުމަށް ކަރުގައި މާފަތި އަޅުވައި ވަރަށް ކުލަގަދަކޮށް އެކަން ފާހަގަ ކުރި އެވެ. އަދި އޭނާގެ އުމުރުގެ ބާކީ ބައި އާއިލާ އާއެކު ހަމަ އެހާ އުފަލުގައި ހޭދަކުރެވޭނެކަމަށް އުންމީދުކުރާ ކަމަށް އެންމެންވެސް ޕަންޗޫބާއީ ކައިރީ ބުންޏެވެ.