މިނިސްޓްރީ އޮފް ޓޫރިޒަމް

ސަރުކާރުން ބަލަަހައްޓާ 43 ފަތުރުވެރިން

Jun 24, 2020
1

ރާއްޖޭގައި މިހާރުވެސް ގައުމަށް ނުދެވިފައިތިބި 43 ފަތުރުވެރިޔަކު އެބަތިބި ކަމަށާއި ސަރުކާރުން އެމީހުން ބަލަހައްޓަމުން ގެންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެ 43 ފަތުރުވެރިންގެ ތެރެއިން 27 ފަތުރުވެރިން ތިބީ އޮޅުވެލިފުށީގައި ސަރުކާރުން ގާއިމްކޮށްފައިވާ ޑްރީމް ފެސިލިޓީގައި ކަމަށެވެ. އަނެއް 16 ފަތުުރުވެރިން ތިބީ ހުޅުމާލޭގެ ގެސްޓް ހައުސްއެއްގައި ކަމަށެވެ.

ހުޅުމާލޭގައި ތިބި ފަތުރުވެރިންނަކީ މާފުށީގެ ގެސްޓް ހައުސްތަކުގައި ތިބި ފަތުރުވެރިންތަކެކެވެ. ޑްރީމް ފެސިލިޓީގައި ތިބީ އެކި ރިސޯޓްތަކުގައި ތިބި ފަތުރުވެރިންގެ ތެރެއިން ރާއްޖެއިން ނުފުރިފައިވާ ތިބި މީހުނެވެ.

"މީގެ ތެރެއިން ހުޅުމާލޭގައި ތިބި ފަތުރުވެރިންނަކީ މާފުށީގައި ތިބި ފަތުރުވެރިން. އެމީހުން ތިން މަސްވެގެން ދިޔައިރު އެމީހުންގެ ގައުމުން އަދި އެ މީހުންގެ އަތުންވެސް އިތުރަށް މެނޭޖްކުރާނެ ކެޕޭސިޓީ ނެތުމުން އެމީހުން އެތިބީ ނަގާފައި. ޑްރީމް އައިލެންޑަށް ގެންދިޔަ ފަތުރުވެރިންނަކީ އެމީހުން ނުވަތަ އެމީހުންގެ ގައުމުން ހަރަދުކުރާ ގޮތަށް ގެންދެވުނު މީހުން. ނަމަވެސް ތިން މަސް ވެގެންދިޔައިރު އެމީހުންގެ އަތުން ފައިސާ ހުސްވުމާއި ގުޅިގެން އެމީހުން ވެސް ބަލަހައްޓަމުން މިގެންދަނީ ސަރުކާރުން. މި ބަލިމަޑުކަމުގެ ތެރެއިން އެހެން ގައުމުތަކުގެ މީހުންނަށް ދިވެހި ރާއްޖެއިން މިވަނީ އިހުސާންތެރިކަން ދައްކާފައި." އަލީ ވަހީދު ވިދާޅުވި އެވެ.