ސްރީލަންކާ

ލަންކާއިން ދިވެހި އާއިލާއެއް ހައްޔަރުކޮށްފި

އަވައްޓެރި ސްރީލަންކާއިން ދިވެހި އާއިލާއެއް ހައްޔަރު ކޮށްފި އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި އެ އާއިލާ ހައްުޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ލަންކާގައި ދިރިއުޅެމުންދާތީއެވެ. އެނގިފައިވާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ފަސް އަހަރު ވިސާ ނެތި ލަންކާގައި އުޅެފައިވާ މީހެއްވެސް ހިމެނެއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ އެފަދަ މައުލޫމާތެއް ލިބިގެން ފޮރިން މިނިސްޓްރީން އެކަން ބަލަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންނަށްވެސް އެފަދަ މައުލޫމާތެއް ލިބިގެން އެކަން މިދަނީ ބަލަމުން. އަޅުގަނޑުމެންގެ އިލްތިމާސްއަކީ ރާއްޖެއިން ބޭރުގައި އުޅޭ ހުރިހާ ދިވެހިންވެސް އެ ގައުމެއްގެ ގާނޫނުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުން. އެކަމަށް އިލްތިމާސްކުރަން." މިއުވާން ވިދާޅުވިއެވެ.

ލަންކާގައި މިދިޔަ އަހަރު ހިނގި ބޮންގޮއްވުމުގެ ހާދިސާގެ ފަހުން ގެތައް ޗެކްކުރުމުގެ ވަރުގަދަ އޮޕަރޭޝަނެއް ލަންކާގެ ސަލާމަތީ ބާރުތަކުން ވަނީ ފަށާފައެވެ. އެ އޮޕަރޭޝަން އަދިވެސް ދަނީ ކުރިއަށެވެ. މީގެ ކުރިންވެސް މިފަދަ މައްސަލަތަކުގައި ދިވެހިން ހައްޔަރުކޮށްފައިވެއެވެ.