ހަބަރު

ސަފާރީގައި އަންހެނަކު ރޭޕްކުރި މައްސަލައިގެ ތަހުގީގު ކުރިއަށް

ބިދޭސީ އަންހެނަކު ރޭޕް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުން ދޫކޮށްލި ނަމަވެސް އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނެފި އެވެ.

އެ ދެ މީހުން ދޫކޮށްލީ ތަހުގީގަށް ހައްޔަރު ކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތް ކަމަށް ބުނެފަ އެވެ. ފުލުހުން ބުނީ ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވި ދެ ދިވެހިން ހައްޔަރު ކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން ފުލުހުންގެ ބެލުމުގެ ދަށުން މިހާރު އެ މީހުން ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

"..ތަހުގީގު ކުރިއަށްދާ ވަރަކުން ހާމަކުރަންޖެހޭ މައުލޫމާތުތައް ހާމަކުރަމުންދާނެ ވާހަކަ ދަންނަވަން."

ފުލުހުން ކުރިން ބުނި ގޮތުގައި އެ މައްސަލައިގައި ދިވެހި ދެ ފިރިހެނަކު ހައްޔަރު ކުރީ ކުށުގެ ވެށިންނެވެ.

މީގެ ދުވަސްކޮޅެއް ކުރިން މާލޭ ގެސްޓްހައުސްއެއްގެ ތެރޭގައި 11 އަހަރުގެ އަންހެން ކުއްޖަކު ވެސް ރޭޕްކޮށްފައިވެ އެވެ. އެ ކުއްޖާ ރޭޕްކޮށްފައިވަނީ ގުރޫމް ކޮށްގެނެވެ. އެ މައްސަލާގައި މީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ވަނީ ބަންދު ކޮށްފަ އެވެ.

އޭގެ އިތުރުން ވެސް އަންހެން ކުއްޖަކު ބްލެކްމެއިލް ކޮށްގެން ރޭޕްކުރި މައްސަލައެއްގައި ވެސް ދިވެހި ޒުވާން ފިރިހެނަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވެ އެވެ.