ހަބަރު

ލޯންޗް އާރަށަށް ގެންގޮސް، ބޭރުގެ އެކްސްޕާޓުންނާ އެކު ތަހުގީގު ފަށައިފި

Sep 29, 2015

ރައީސްގެ ދެކަނބަލުން އިއްޔެ ދަތުރު ކުރެއްވި ރިޔާސީ ލޯންޗް، "ފިނިފެންމާ" އާރަށަށް ގެންގޮސް ބޭރުގެ އެކްސްޕާޓުން ހިމެނޭ ޓީމަކުން ތަހުގީގު ފަށައިފި އެވެ.

އެ ހާދިސާގެ ތަހުގީގަށް ރޭ ރާއްޖެ އައި އެފްބީއައިގެ އެޖެންޓާއި ސައޫދީގެ ފޮރެންސިކު ޓީމު އަދި ސިފައިންނާއި ފުލުހުން ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ތަހުގީގު ޓީމް އާ ރަށަށް ގޮސް އަދި ފިނިފެންމާ ވެސް އެ ރަށަށް ގެންގޮސް މިހާރު ވަނީ ތަހުގީގު ފަށާފައި ކަމަށް އެނގިފައިވެ އެވެ. އެ ތަހުގީގުގެ ތެރޭހައި ލޯންޗްގެ ކްރޫއިންނަށް ތިބި ފަރާތްތަކާ ވެސް ވަނީ ސުވާލުކޮށްފަ އެވެ. މީގެ އިތުރުންނ ލޯންޗްގެ ތެރެއިން ސާމްޕަލްތައް އެއްކުރުމާއި އެހެން ވެސް ތަހުލީލުތައް އެޓީމުން ކުރާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

ލޯންޗް ފާލަމާ ކައިރި ކުރަން އުޅެނިކޮށް ލޯންވްގެ ތެރޭގައި ބާރުގަދަ އެއްޗެއް ގޮވާ ހިނގި ހާދިސާގައި، ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ބުރަކަށީގެ ކަށިތަކަށް ގެއްލުންވެފައިވެ އެވެ. މީގެ އިތުރަށް ރައީސްގެ ސެކްރެޓަރީ އަދި އެމަނިކުފާނުގެ ޕްރޮޓޮކޯލްގެ ވެރިޔާ ފާތުމަތު މުހައްމަދު ސޯލިހް (ފާތޭ) އަދި ރައީސްގެ ބޮޑީގާޑް އަބްދުއްނާސިރުގެ އެކި ތަންތަން ފިހި އަންނަނީ ފަރުވާ ދެމުންނެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސަރުކާރުން ހާމައެއް ނުކުރެ އެވެ. އެ މައްސަލައިގެ ތަހުގީގަށް އޮސްޓްރޭލިޔާގެ އެހީއަށް ވެސް ފުލުހުން އެދިފައިވެ އެވެ.

އެހެން ނަމަވެސް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެން ޝަރީފް ރޭ ސީއެންއެން އަށް ވިދާޅުވި ކަމަށް އެ ނޫހުން ބުނެފައި ވަނީ އިއްޔެގެ ގޮވުމަކީ، މެކޭނިކަލް މައްސަލައެއް ދިމާވެ ހިނގި ކަމެއް ކަމަށް ތަހުގީގު ކުރާ ފަރާތްތަކުން ވަރަށް ބޮޑަށް ލަފާކުރެ އެވެ. އެހެން ނަމަވެސް އެ ހާދިސާއަކީ އެހެން ހިނގި ކަމެއް ކަމަށް އަދި ނުނިންމާ ކަމަށް ވެސް މުންދު ވިދާޅުވި ކަމަށް އެ ނޫހުން ބުންޏެވެ.