މޯލްޑިވްސް ޕޮލިސް ސާވިސް

ރޭޕް ކޭސް: ނުފޫޒެއް ނެތް، އަޅަންޖެހޭ ފިޔަވަޅު އަޅާނެ

ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލައާއި ގުޅިގެން އެއްވެސް ނުފޫޒެއް ނެތި ފުރިހަމަ ތަހުގީގެއް ހިންގާ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވި ދެ ދިވެހިން ހައްޔަރު ކުރުމަށް ފުލުހުން ވަނީ އެ މީހުން ދޫކޮށްލާފައެވެ. އެ ދެ މީހުން ދޫކޮށްލީ ތަހުގީގަށް ހައްޔަރު ކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން ކަމަށް ވަނީ ބުނެފަ އެވެ. އެކަމާއި ގުޅިގެން އާންމުން ވަނީ ވަރަށް ބޮޑަށް ރުޅި ގަދަވެފައެވެ.

އަދި މި މައްސަލާގައި ހިމެނެނީ "ނުފޫޒު" ގަދަ ބައެއް ކަމަށް ބުނެ، އެ މައްސަލަ ނުބަލަން ފުލުހުންގެ އިސްވެރިން އަންގާފައިވާ ކަމަށްވެސް ވާހަކަތައް ދަނީ ފަތުރަމުންނެވެ. މީގެ އިތުރުން އަނިޔާ ލިބުނު އަންހެން މީހާއާއި ހަވާލާދީ ކަމަށް ބުނެ ބައެއް ނޫސްތަކުން ދަނީ ތަފާތު ހަބަރުތައް ފަތުރަމުންނެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނުގައި މައްސަލައާއި ގުޅޭގޮތުން މީގެ ކުރިން ހާމަކޮށްފައިނުވާ ބައެއް މައުލޫމާތުތައް ވަނީ ހާމަކޮށްފައެވެ. ފުލުހުން ބުނީ ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ރާއްޖޭގައި މަސައްކަތް ކުރަމުންދާ އުމުރުން 27 އަހަރުގެ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހަށް ހުށައެޅިފައިވާ ކަމަށެވެ. އެކަމެއް ހިނގީ މިމަހުގެ 25 ވަަނަ ދުވަހުގެ ރެއެވެ. މި މައްސަލަ ފުލުހަށް ހުށައެޅިފައިވަނީ 26 ވަނަ ދުވަހު ފަތިހު 5:00 ޖަހާ އެހާކަންހާއިރު ހުޅުމާލެ، ލަކުޑި ޖެޓީ ސަރަހައްދުގައި އެ އަންހެން މީހާއާއި އިތުރު ދެ ފިރިހެނުން ތިއްބާ ފުލުހުން އެތަނަށް ގޮސް މައުލޫމާތު އޮޅުންފިލުވުމުން ކަމަށް ވަނީ ބުނެފައެވެ.

"..އެގޮތުން، އެ ސަރަހައްދުގައި އެމީހުން ތިއްބާ ފުލުހުން ގޮސް މައުލޫމާތު އޮޅުން ފިލުވުމުން އެ އަންހެންމީހާގެ ފަރާތުން ފުލުހުންނަށް މައުލޫމާތު ދީފައިވަނީ، 2020 ޖޫން 25 ވަނަ ދުވަހުގެ ރޭ ރައްޓެއްސެއްގެ ފަރާތުން ލިބުނު ދައުވަތަކަށް މި މައްސަލާގައި ތުހުމަތުވާ ދެ މީހުންނާއެކު ސަފާރީއަކަށް ގޮސް ވަގުތު ހޭދަކުރި ކަމަށާއި އަދި އެމީހުން ސަފާރީ ތެރޭގައި އޭނާގެ ނުރުހުމުގައި އެނާގެ ގައިގައި އަތްލައި ޖިންސީ ގޯނާކުރި ކަމަށާއި އެމީހުންގެ އަމަލުތައް ހުރި ގޮތުން އެފަދަ އަމަލެއް ތަކުރާރުކޮށްފާނެތީ ސަލާމަތްވުމުގެ ގޮތުން މޫދަށް ފުންމާލުމުން ޑިންގީއެއްގައި އެ ދެ މީހުން އައިސް އޭނާ ޑިންގީއަށް ނަގައިގެން ގެނެސް ޖެޓީއަށް ބޭލީ ކަމަށް،"

ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ މައްސަލަ ހުށައެޅުމާއެކު އެ ތަނުގައި ތިބި ދެ ފިރިހެނުން އެ ވަގުތު ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައިވަނީ އެއީ ދެމިގެންދިޔަ ކުށުގެ ވެއްޓެއް ކަމަށްވާތީ ކަމަށާ މައްސަލައާއި ގުޅިގެން އަނިޔާ ލިބުނު މީހާ 26 ވަނަ ދުވަހުގެ ހެނދުނު ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށައް ގެނެވުނު 39 އަހަރުގެ ދެ މީހުން ބަންދުން ދޫކޮށްލާފައިވަނީ އެ ވަގުތާ ހަމައަށް ލިބިފައިހުރި މައުލޫމާތުތަކަށް ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނާތީ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ މި ބަޔާނުގައި އަނިޔާ ލިބުނު އަންހެން މީހާއާއި ހަވާލާދީ ނޫސްތަކުގައި ލިޔަމުންދާ ހަބަރުތައްވެސް ވަނީ ދޮގުކޮށްފައެވެ. އަދި އެ އަންހެން މީހާ އެއްވެސް ނޫހަކަށް އިންޓަވިއެއް ދީފައިނުވާ ކަމަށްވެސް ވަނީ ބުނެފައެވެ.

"މި މައްސަލައިގައި އެއްވެސް ނުފޫޒެއް ނެތި ފުރިހަމަ ތަހުގީގެއް ހިންގައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން އަރުވަން،"