ހަބަރު

އެސިސްޓެންޓް އޭޖީގެ ދެކަނބަނލުން ފަސް ދުވަހަށް ގޭ ބަންދަށް

Sep 29, 2015
1

ޑްރަގާ އެކު ރޭ ހައްޔަރު ކުރި އެސިސްޓެންޓް އެޓާނީ ޖެނެރަލް އިސްމާއިލް ވިޝާމް އާއި އޭނާގެ އަނބިކަނބަލުން ޕީޖީގެ ލޯޔަރު ހަނާ ވަހީދު ފަސް ދުވަހަށް ގޭ ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގައި އެ ދެމަފިރިން ދިރިއުޅެމުން އައި މ. ހަނީ ޑިއު ފާސްކޮށް އެ ދެ މީހުން ހައްޔަރު ކުރުމަށް ފަހު މިއަދު ވަނީ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ. ފުލުހުން ބުނީ އެ ގެއިން ހައްޔަރު ކުރި ދެ މީހުން ކޯޓަށް ހާޒިރު ކުރުމުން ގާޒީ އަމުރު ކުރެއްވީ ފަސް ދުވަހުގެ ގޭ ބަންދަކަށް ބަދަލު ކުރުމަށް ކަމަށެވެ.

އެނގިފައިވާ ގޮތުގައި ބިޔަރު ދަޅުތަކެއްގެ އިތުރުން ބަނގުރާ އާއި ހޭޝް އޮއިލް އެގެއިން ފެނުނެވެ. އަދި އެ ދެ މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެސް ވި އެވެ.

ފުލުހުން އެ ގެޔަށް ކޯޓު އަމުރެއްގެ ދަށުން ރޭ ވަނީ އެ ގެގޭގައި ގިނަ އަދަދަކަށް މަސްތުވާތަކެތި ގެންގުޅޭ ކަމަށް ރިޕޯޓް ލިބިގެންނެވެ.

ވިޝާމް އަކީ ވަރަށް ގިނަ ބޮޑެތި ކޭސްތަކެއްގައި ވަކާލާތު ކުރައްވާފައިވާ ބޭފުޅަކަށް ވާއިރު، އޭނާގެ އަނބިކަނބަލުން ހަނާ އަކީ ޕީޖީގެ ސީނިއާ ޕްރޮސިކިއުޓަރެކެވެ. އަދި އދ ގެ އާބިޓްރަރީ ޑިޓެންޝަންގައި ކުރިއަށްދާ ނަޝީދުގެ މައްސަލައިގައި ވިޝާމްގެ ދައުރު ވަރަށް ބޮޑެވެ. އޭނާ އެސިސްޓެންޓް އޭޖީ އަކަށް ހަމަޖެއްސީ މިދިޔަ ޖެނުއަރީ މަހު އެވެ.