ލައިފްސްޓައިލް

ބޭވަފާތެރިވުމުގެ ކުށް ސާބިތުވެ ބޮޑު ޖޫރިމަނާއެއް!

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަންހެނަކު ފިރިމީހާއަށް ބޭވަފާތެރިވެ އެހެން މީހަކާ ލޯބީގެ ގުޅުމެއް ހިންގިކަން ކޯޓަށް ސާބިތުވުމުގެ ސަބަބުން ބޮޑު ބަދަލެއް ފިރިމީހާއަށް ދޭން ކޯޓުން އަމުރު ކޮށްފި އެވެ. ފުޖައިރާ ސިވިލް ކޯޓުން މި އަންހެންމީހާގެ މައްޗަށް ހުކުމް ކޮށްފައި ވަނީ 50،000 ދިރްހަމްގެ (ގާތްގަނޑަކަށް 16،500 ޔޫއެސް ޑޮލަރު) ގެ ބަދަލެއް ފިރިމީހާއަށް ދިނުމަށެވެ.

މި ހާދިސާ ހިނގާފައި ވަނީ މި މަހުގެ ކުރީކޮޅު އެވެ. ފިރިހެން މީހާ އަށް އޭނާގެ އަންހެނުންނަށް ކުއްލިއަކަށް އާދަޔާޚިލާފު ބަދަލުތަކެއް އައުމުން އޭނާއާ ދޭތެރޭ ޝައްކުވާން ފެށީ އެވެ. އަދި އަންހެންމީހާ އަށް މިހާ ބޮޑު ބަދަލެއް އަންނަން ފެށީ އެކަށީގެންވާ އެއްވެސް ސަބަބަކާ ނުލާ ކަމަށް ވާތީ އޭނާއަށް ފާރަލައިގެން މިވާ ގޮތެއް ބަލަން ފިރިހެން މީހާ ގަސްތުކުރި އެވެ.

އަދި އަންހެންމީހާ ގެއިން ބޭރަށް ދާން ނުކުތުމުން އޭނާ ފަހަތުން ގޮސް އެހެން ފިރިހެނަކާ އޭނާ ބައްދަލުކޮށް ލޯބީގެ ކަންތައްތަކެއް ހިންގަނިކޮށް ރެޑް-ހޭންޑްކޮށް އެމީހާ ހިފި އެވެ. އަންހެންމީހާ ވަނީ ރެސްޓޯރަންޓްތަކަށާއި އާއިލާތަކުން ދާ ތަންތަނަށް އެ ފިރިހެންމީހާ އާ އެކީ ގޮސް އެމީހުންގެ ގުޅުން ސިއްރުކުރަން މަސައްކަތް ކޮށްފަ އެވެ.

ފިރިހެންމީހާ ވަނީ އޭނާގެ އަންހެނުން ހިލޭ ފިރިހެންމީހާ އާއެކު އުޅުނު ހުރިހާ ގޮތެއް ވީޑިއޯކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅާފަ އެވެ. ފުލުހުން މި މައްސަލައިގެ ހެކިތަކަށް ބަލާ ތަހުގީގުކުރުމަށްފަހު އަންހެންމީހާ އާއި އޭނާ ރައްޓެހި ވެގެން އުޅޭ މީހާ ހައްޔަރުކުރީ އެވެ.

މި ދެ މީހުންގެ މައްޗަށް ކުށް ސާބިތުވުމާ ގުޅިގެން ފިރިހެންމީހާ ވަނީ އަންހެން މީހާ ކައިރިން ވަރިވާން ކޯޓަށް ހުށަހަޅާފަ އެވެ. ނަމަވެސް ދެ މީހުންގެ ތިން ދަރިން ތިބުމާއެކު ކޯޓުން އެންގީ ކޮންސެލިން ނަގައިގެން ދެމަފިރިން އަލުން ސުލްހަވާން މަސައްކަތް ކުރުމަށެވެ. ނަމަވެސް ފިރިހެންމީހާ އެކަމާ އެއްބަސް ނުވުމުން އެންމެ ފަހުން ވަރިކޮށް ދިނީ އެވެ. އަދި އެމީހުންނަށް ލިބިފައިވާ ތިން ދަރިން ވެސް ކޯޓުން ވަނީ ފިރިހެންމީހާ ބަލަން ދީފަ އެވެ.

އޭގެ ފަހުން ދެން ފިރިހެންމީހާ ކޯޓަށް ހުށަހެޅީ އަންހެންމީހާ ބޭވަފާތެރިވުމުގެ ސަބަބުން އޭނާއަށް ލިބުނު ނަފްސާނީ ގެއްލުންތަކުގެ ބަދަލު ހޯދުމަށެވެ. މި ކޭސް ވެސް ކާމިޔާބުކުރީ ފިރިހެން މީހާ އެވެ. އަދި ކޯޓުން ވަނީ ފިރިހެންމީހާ އަށް ބަދަލެއްގެ ގޮތުގައި 50،000 ދިރްހަމް ދިނުމަށް ހުކުމް ކޮށްފަ އެވެ.

އަންހެންމީހާގެ ގާނޫނީ ވަކީލު ބުނެފައި ވަނީ މި ހުކުމާ ދެކޮޅަށް އެމީހުން މަތީ ކޯޓަށް މައްސަލަ ވައްދާނެ ކަމަށެވެ.