ބޮލީވުޑް

"ސަޅަކް 2" ޑިޖިޓަލްކޮށް ރިލީޒްކުރުން ނޫން ގޮތެއް ނެތް: ޕްރޮޑިއުސަރު

ވަރަށް ރީތި ގިނަ ފިލްމުތަކެއް ޑައިރެކްޓް ކޮށްފައިވާ މަހޭޝް ބަޓް ފިލްމު އުފެއްދުމުގެ މަސައްކަތާ ގިނަ އަހަރުތަކެއް ވަންދެން ދުރުގައި ހުރުމަށްފަހު އަލުން އެނބުރި އައިސް ޑައިރެކްޓްކުރާ ފުރަތަމަ ފިލްމު "ސަޅަކް 2" ޑިޖިޓަލް ރިލީޒްއަކަށް ދިއުން ނޫން ގޮތެއް ނެތް ކަމަށް ފިލްމުގެ އެއް ޕްރޮޑިއުސަރު ޕްރޮޑިއުސް މުކޭޝް ބަޓް ބުނެފި އެވެ.

"ސަޅަކް 2" އުފައްދަނީ މުކޭޝްގެ "ވިޝޭޝް ފިލްމްސް" އާއި ފޮކްސް ސްޓާ ސްޓޫޑިއޯޒް ގުޅިގެންނެވެ. މި ފިލްމުގެ ތަރިންނަކީ އާލިއާ ބަޓް، އަދިތުޔާ ރޯއި ކަޕޫރު އަދި ސަންޖޭ ދަތާއި ޕޫޖާ ބަޓް އެވެ. މިއީ 1991 ގައި މަހޭޝް އުފެއްދި "ސަޅަކް"ގެ ސީކުއަލް އެކެވެ. ސަންޖޭ ދަތާއި ޕޫޖާއަކީ ފުރަތަމަ ފިލްމުގައި ލީޑް ރޯލު ކުޅުނު ދެ ތަރިންނެވެ.

މި ފލްމަކީ ވަރަށް ގިނަ ގޮތްގޮތުން ޚާއްސަ ފިލްމެކެވެ. އެއް ސަބަބަކީ މި ފިލްމުގައި ޕޫޖާ އެކްޓްކޮށްފައި ވަނީ އެތައް އަހަރެއް ވަންދެން އެކްޓްކުރުމާ ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ކަމަށް ވުމެވެ.

ކުރިން ހަމަޖެހިފައި އޮތީ މި ފިލްމު އަންނަ ޖުލައި 10 ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒް ކުރާށެވެ. ނަމަވެސް ކޮރޯނާވައިރަހުގެ ވަބާގެ ސަބަބުން ފިލްމު މީން ޒަމާނަކު ވެސް ސިނަމާތަކުގައި ރިލީޒް ކުރެވޭނެ ގޮތެއް ނެތުމުން ޑިޖިޓަލް ކޮށް ރިލީޒްކުރަން ޕްރޮޑިއުސަރުން ނިންމީ އެވެ.

އަދިވެސް އިންޑިޔާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންދާއިރު ސިނަމާތައް ރިލީޒް ކުރެވޭނެ ދުވަހެއް އަދިވެސް އެއްވެސް މީހަކަށް ލަފާ ކޮށްލަން ވެސް ނޭނގެ އެވެ. އަދި ހުޅުވިޔަސް ފިލްމު ބަލަން ކުރިން ދާ ވަރާ ގާތަށް ވެސް މީހުން ނުދާނެ ކަން ޔަގީންވެ އެވެ. ވީމާ ކުދި ބަޖެޓްތަކުން އުފައްދާ ފިލްމުތަކަށް މިހާރު އެންމެ ބޮޑު ފައިދާއެއް ވާނީ ބޮޑު އަގުގައި ފިލްމު އޯޓީޓީ ޕްލެޓްފޯމަކަށް ވިއްކާލުމުން ކަމަށް ވިޔަފާރީގެ ނަޒަރަކުން ބަލާފައި ކޮންމެ މީހަކަށް ވެސް ގަބޫލުކުރެވެ އެވެ.

"މީން ޒަމާނަކު ވެސް ފިލްމު ސިނަމާތަކުގައި ރިލީޒްކުރެވިދާނެ ކަމުގެ އެއްވެސް އުންމީދެއް އަހަންނަކަށް ނެތް. މިހާރު ކޮންމެ މީހަކުވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ އެމީހާ އާއި އެމީހާގެ އާއިލާގެ ސަލާމަތާއި ރައްކާތެރި ކަމަށް. ކާކު ނުރައްކަލަށް ހުށަހެޅިގެން ސިނަމާއަށް ފިލްމު ބަލަން ދާނީ. ވީމާ އަމިއްލަ އަހަރެމެން އަތުން ދިޔަ ޚަރަދު ލިބެން އޮތީ ޑިޖިޓަލްކޮށް ފިލްމު ރިލީޒްކޮށްގެން،" ޕްރޮޑިއުސަރު ބުންޏެވެ.

"ސަޅަކް 2" އަކީ ޑިޖިޓަލްކޮށް ރިލީޒްކުރަން ފަހަކަށް އައިސް ނިންމި ގިނަ ފިލްމުތަކެއްގެ ތެރޭގައި ހިމެނޭ އެއް ފިލްމެވެ.
ޑިޖިޓަލްކޮށް މިހާތަނަށް ރިލީޒްކުރި ބޮޑެތި ތަރިން ހިމެނޭ ފުރަތަމަ ފިލްމަކީ އަމީތާބު ބައްޗަން އާއި އަޔުޝްމާން ކުރާނާގެ "ގުލާބޯ ސިޓާބޯ" އެވެ. ވިދްޔާ ބާލަން އާއި ސާންޔާ މަލްހޯތުރާގެ "ޝަކުންތަލާ ދޭވީ"، ޖާންވީ ކަޕޫރުގެ "ގުންޖަން ސަކްސޭނާ: ދަ ކާރްގިލް ގާލް އަދި ދާދިފަހުން މަރުވި ސުޝާންތު ސިންގް ރާޖްޕޫތުގެ "ދިލް ބޭޗާރާ" ވެސް މިހާރު ޑިޖިޓަލްކޮށް ރިލީޒްކުރުމަށް ނިންމައި އެކަން ވަނީ އިއުލާން ކޮށްފަ އެވެ.

ނަމަވެސް މި ފިލްމުތައް ސިނަމާތަކުގައި ރިލީޒްކުރަން މަޑުނުކޮށް ސީދާ ޑިޖިޓަލް ރިލީޒްއަކަށް ދާތީ ސިނަމާތަކުގެ ވެރިން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

މުކޭޝް ބަޓް ބުނި ގޮތުގައި ފިލްމު ބަލާ މީހުންނާއި ފިލްމު އުފައްދާ މީހުން ވެސް ހަގީގަތުގައި ބޭނުންވާނީ ސިނަމާތަކަށް ގޮސް އެ ފިލްމެއް ބަލާލުމުގެ އުފާ ހާސިލު ކުރާށެވެ. އެހެންކަމުން ޑިޖިޓަލްކޮށް ފިލްމުތައް ރިލީޒްކުރުމަކީ "ވަގުތީ"ކަމެއް ކަމަށް އޭނާ ބުންޏެވެ.

މިހާރު މިގޮތަށް ބައެއް ފިލްމުތައް ޑިޖިޓަލް ރިލީޒްއަކަށް ދިޔައަސް އޭގެ މާނައަކީ ކުރިމަގުގައި ސިނަމާތައް ބަންދުކުރަން ޖެހުން ނޫން ކަމަށް އޭނާ ދެކެ އެވެ. މި ބަލިމަޑުކަމުން ސަލާމަތްވެ ގައުމު ހަމަޔަކަށް އެޅުމުން މީހުން ސިނަމާތަކަށް ފިލްމު ބަލަން ވަންނަން ފަށާނެ ކަމަށް މުކޭޝް ގަބޫލު ކުރެ އެވެ.

ޕްރޮޑިއުސަރު ބުނި ގޮތުގައި "ސަޅަކް 2"ގެ ޝޫޓިން އަދި ނުނިމެ އެވެ. ޖުލައި މަހު އަލުން ޝޫޓިން ފަށަން ރާވަމުންދާ ކަމަށް ވެސް މުކޭޝް ބުންޏެވެ.

"އަދި ދެ ދުވަހުގެ ޝޫޓިން ބާކީ އެބައޮތް. އެ ބައި ޖުލައި ގައި ނިންމާލެވޭނެ ކަމަށް މި ބަލަނީ. އަނެއްކޮޅުން ޕޯސްޓް-ޕްރޮޑަކްޝަން މަސައްކަތް ވެސް އެކު އެކީގައި ކުރިޔަށްދާނެ،" މުކޭޝް ބުންޏެވެ.