ހަބަރު

ރުފިޔާގެ އާ ނޫޓްތައް ނެރުން ފަސްކޮށްފި

Sep 29, 2015

ދިވެހި ރުފިޔާގެ އާ ނޫޓް، "ރަންދިހަ ފަހެއް" ނެރުމަށް އަންނަ ހޯމަ ދުވަހުގެ ރޭ ބާއްވަން ނިންމި ޖަލްސާ ފަސްކޮށްފި އެވެ.

ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި އޮތް އެ ޖަލްސާ ފަސް ކުރީ ކީއްވެގެން ކަން ނުބުނެ މަރުކަޒީ ބޭންކުން ބުނީ އެ ހަފްލާ ދެން ބާއްވާނެ ދުވަހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ. ލަފާ ކުރެވޭ ގޮތުގައި އެ ހަފްލާ ވެސް ލަސް ކުރީ ރައީސް ހުންނެވި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮވައި އަނބިކަބަލުންނަށް އަނިޔާވެ ރައީސް އޮފީހުގެ އިސް މުވައްޒަފަކަށާއި ބޮޑީ ގާޑަކު ޒަހަމްވި ހާދިސާއާ ގުޅިގެންނެވެ.

ރައީސް ބައިވެރިވެ ވަޑައިގަންނަވަން ހަމަޖެހިފައި އޮތް ޑިމޮކްރަސީ ހަފްތާގެ ފެށުން ލަސްކުރިކަން ވެސް މިއަދު ވަނީ އިއުލާންކޮށްފަ އެވެ.

ރަންދިހަފަހެއް ނޫޓަކީ މި ފަހުގެ ތާރީހެއްގައި ދިވެހި ރުފިޔާއަށް ގެނެވޭ އެންމެ ބޮޑު ބަދަލެވެ. އެ ނޫޓްތައް ޕޮލިމާ ކަރުދާހުގައި ޗާޕުކޮށްފައި ހުންނަ އިރު މުޅިން އަލަށް 1،000ރ. ގެ ނޫޓް ތައާރަފް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.