ހަބަރު

މާވަރުލު އެއްކޮޅު ދަތުރު 827 ރުފިޔާއަށް

ގދ. މާވަރުލު އެއާޕޯޓަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދަތުރުތައް ފެށުމަށް ނިންމާފައިވާއިރު، އެއްކޮޅު ޓިކެޓުގެ އަގަކީ، 827 ރުފިޔާ ކަމަށް މޯލްޑިވިއަން އިން ބުނެފި އެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން މާވަރުލު އެއާޕޯޓަށް ދަތުރުތައް ފެށުމަށް ތާވަލް ކުރިއެވެ. ނަމަވެސް އެކި ސަބަބުތަކާއި ގުޅިގެން އެކަން ވަނީ ފަސްކޮށްފައެވެ. އެންމެ ފަހުން ކަނޑައެޅި ތާރީހުގައި އެކަން ނުކުރެވުނީ ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ދަތުރުފަތުރުތައް ނޫން ދަތުރެއް ނުކުރަން ސަރުކާރުން އިލްތިމާސް ކުރުމުންނެވެ.

މޯލްޑިވިއަން އިން މިއަދު ބުނީ، ޖުލައި އެކެއްގައި ދަތުރުތައް ފަށާނެ ކަމަށެވެ. އަދި، އެއްކޮޅު ދަތުރަކަށް ނަގާނެ އަގަކީ 827 ރުފިޔާ ކަމަށެވެ.

ކުރީ ސަރުކާރުން އެ އެއާޕޯޓުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެކުންފުންޏަށް އެއާޕޯޓުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި އެއާޕޯޓުގެ މަސައްކަތް ވަރަށް ބޮޑަށް ވަނީ މަޑުޖެހިފަ އެވެ.

މާވަރުލު އެއާޕޯޓާ ގުޅިފައިވާ އެއަތޮޅުގެ ރައްޔިތުން ވަނީ އެއާޕޯޓުގެ މަސައްކަތް ދިގުލައިގެން ދިޔުމުގެ ސަބަބުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް އެމްޓީސީސީން ބުނީ އެއާޕޯޓުގެ މަސައްކަތް ނިންމާފައިވަނީ ކަނޑައެޅި ތާރީހަށްވުރެ އަވަހަށް ކަމަށެވެ.

މާވަރުލު އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖަލްސާފައިވަނީ މާޗް މަހުގެ ކުރީކޮޅުގަ އެވެ.