ހަބަރު

އިއްޔެގެ ހާދިސާއާ ގުޅިގެން ރައީސް ހާއްސަ ކޮމިޓީއެއް އެކުލަވާލައްވައިފި

Sep 29, 2015

ރައީސްގެ ލޯންޗްގެ އިއްޔެ ހިނގި އެއްޗެއް ގޮވުމުގެ ހާދިސާއާ ގުޅިގެން، ސަލާމަތީ ގޮތުން ރައީސްއަށް ލަފާ އެރުއްވުމަށް ހާއްސަ ކޮމިޓީއަށް ރައީސް އަބްދުﷲ ޔާމީން މިއަދު އެކުލަވާލައްވައިފި އެވެ. 

ރައީސް އެކުލަވާލެއްވި ކޮމިޓީގައި ހިމެނެނީ،  ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދާއި ކާނަލް އަބްދުއްރައޫފާއި ކެޕްޓަން އަލީ އިހުސާނާއި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ނަވާޒް އަދި ޗީފް ސްޓޭޝަން އިންސްޕެކްޓަ މުހައްމަދު ސާމިހެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ވިދާޅުވީ އެ ކޮމިޓީގެ މަގުސަދަކީ އިއްޔެ ހިނގާ ދިޔަ ފަދަ ހާދިސާއެއް ކުރިމަތިވިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަނެ ރައީސްއަށް ކަމާ ގުޅޭ ގޮތުން ލަފާ އެރުވުން ކަމަށެވެ. އަދި އެކޮމިޓީ އަކީ އެއްގޮތަަކަށް ވެސް ތަހުގީގެއް ހިންގާ ފިޔަވަޅުތައް އަޅާނެ ކޮމިޓީއެއް ނޫން ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.

"އެ ހާދިސާ ހިނގާ ދިޔަ ގޮތް ރިވިއުކޮށް އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ރިވިއު ކުރުމަށް ބޭނުންވާނެ ލަފާތައް މި ކޮމިޓީ އިން ދޭނެ،" މުއާޒު ވިދާޅުވި އެވެ.