މޯލްޑިވްސް ޕޮލިސް ސާވިސް

މުޒާހަރާއިން ހައްޔަރުކުރީ ދެ މީހުން: ފުލުހުން

ރޭޕްކުރުމާ ދެކޮޅަށް މިއަދު މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ދެ މީހުން ކަމަށް ފުލުހުން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީ ކައިރި މިއަދު ހަވީރު ފެށި މުޒާހަރާ އަކީ، މިދިޔަ ހުކުރު ދުވަހު ރޭ ހުޅުމާލޭގައި ފަޅުގައި އޮތް ސަފާރީ އެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ ހާދިސާ އާ ގުޅިގެން، ރޭޕް އާ ދެކޮޅަށް އަޑު އުފުލާ އިންސާފު ހޯދުމަށް ކުރިއަށް ގެންދިޔަ މުޒާހަރާ އެކެވެ.

ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވި މި މުޒާހަރާގައި އެ މީހުން ވަނީ ޖިންސީ ގޯނާގެ މައްސަލަތައް ނުފޫޒެއް ނެތި ބެލުމަށް ގޮވާލާފައެވެ. އަދި އެފަދަ މައްސަލަތަކުގައި އިންސާފު ގާއިމްކޮށް ދިނުމަށް ގޮވާލާ އަޑުއުފުލާފައިވެއެވެ.

ފުލުހުން ބުނީ މިއަދުގެ މުޒާހަރާގެ ތެރެއިން ހައްޔަރު ކޮށްފައިވަނީ ދެ މީހުން ކަމަށެވެ. އެ މީހުން ހައްޔަރު ކޮށްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ހަމަނުޖެހުން ހިންގާ، ފުލުހުންގެ ގަޔަށް އަތްލާ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ކަމަށެވެ.

ޖެންޑާ މިނިސްޓްރީ ކައިރީ އަޑުއުފުލުމަށްފަހު މުޒާހަރާގެ ބައިވެރިން ވަނީ ބޮޑުތަކުރުފާނު މަގުގައިވެސް މުޒާހަރާ ކޮށްފައެވެ. ނަމަވެސް ބޭރު މަގަށް މުޒާހަރާގެ ބައިވެރިން ދިއުމާއެކު ފުލުހުން ވަނީ އެ މީހުންނަށް ހުރަސް އަޅާފައެވެ.

އޭގެ ކުރިން ފުލުހުން އެއްވެސް ވަރަކަށް މުޒާހަރާގެ ބައިވެރިންނަށް ހުރަސް އަޅާފައެއް ނުވެއެވެ. ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ޕެޕާސްޕްރޭ ޖަހާފައެވެ.