ހަބަރު

މެޑަމް އޭޑީކޭއަށް ގެނެސް ސްކޭނެއް ހަދައިފި

Sep 29, 2015

އިއްޔެގެ ހާދިސާގައި ބުރަކަށީގެ ކަށިތަކަކަށް ގެއްލުންވެ، ފަރުވާ ހޯއްދަވަމުން ގެންދަވާ ފަސްޓްލޭޑީ، މެޑަމް ފާތިމަތު އިބްރާހިމް މިއަދު އޭޑީކޭއަށް ގެނެސް އެމްއާރުއައި ސްކޭނެއް ހަދައިފި އެވެ.

އެނގިފައިވާ ގޮތުގައި މިއަދު އިރުއޮއްސުނު ވަގުތު މެޑަމް އެޑީކޭއަށް ގެނައީ ބުރަކަށީގެ ސްކޭނެއް ހެދުމަށް ޓަކަ އެވެ. އެކަމަނާގެ ބުރަކަށީގެ ކަށިތަކުގެ ފަސް ތަނަކަށް އަނިޔާވެފައިވާ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ. އަދި ތިން ހަފްތާ ވަންދެން އަރާމު ކުރުމަށް ޑޮކްޓަރުން ވަނީ މެޑަމްއަށް ލަފާ ދެއްވައި ކަމަށް އެނގިފައިވެ އެވެ.

ރައީސްގެ ދެކަނބަލުން ހައްޖުގެ އަޅުކަމަށް ފަހު އެނބުރި މާލެ އައި ލޯންޗްގައި އިއްޔެ އެއްޗެއް ގޮވި ހާދިސާގައި މެޑަމްގެ އިތުރުން ރައީސްގެ ސެކްރެޓަރީ އަދި އެމަނިކުފާނުގެ ޕްރޮޓޮކޯލްގެ ވެރިޔާ ފާތުމަތު މުހައްމަދު ސޯލިހް (ފާތޭ) އަދި ރައީސްގެ ބޮޑީގާޑް އަބްދުއްނާސިރުގެ އެކި ތަންތަން ފިހި އަންނަނީ ފަރުވާދެމުންނެވެ.

އެ ލޯންޗްގައި އެ ވަގުތު ތިބި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އަށާއި ރައީސްގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީއަށް ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ވަނީ ފަރުވާދީފަ އެވެ. އެހެން ނަމަވެސް އެބޭފުޅުންނަށް އެއްވެސް ހާނިކައެއް ނުވެ އެވެ. އެ ހާދިސާ އިން އެއްވެސް ގެއްލުމެއް ނުލިބި ރައީސް ސަލާމަތްވި އެވެ.

މެޑަމް އަށް ފަރުވާދެމުން ގެންދަނީ އައިޖީއެމްއެޗްގެ އެގްޒެކެޓިވް ވޯޑްގައި ބާއްވައިގެންނެވެ. އެކަމަނާ ގެއަށް ދޫކޮށްލާނެ ދުވަހެއް އަދި ނޭނގެ އެވެ.