ވިޔަފާރި

ކްރައުން ކުންފުނީގެ ތިން ރިސޯޓެއް ހުޅުވުން ސެޕްޓެމްބަރަށް

Jun 30, 2020

ކްރައުން އެންޑް ޗަމްޕާ ރިސޯޓް (ސީސީއާރު) ކުންފުނީގެ، ތިން ރިސޯޓެއް ހުޅުވާނީ ސެޕްޓެމްބަރު މަހު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސީސީއާރު ކުންފުނިން ބުނި ގޮތުގައި ސެޕްޓެމްބަރު މަހު ހުޅުވާނީ، މީރު އައިލެންޑް ރިސޯޓް އެންޑް ސްޕާ އާއި ވެލިގަނޑު އައިލެންޑް ރިސޯޓް އެންޑް ސްޕާ އަދި ވިލަމެންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ ކަމަށެވެ. އަދި މީގެ އިތުރުން ޗަމްޕާ ސެންޓްރަލް ހޮޓެލް ވެސް ހުޅުވާނީ ސެޕްޓެމްބަރު މަހު ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން، ރާއްޖޭގެ އެންމެ ބޮޑު ހޮޓެލް ޗެއިން ކަމަށްވާ ސީސީއާރުގެ ރިސޯޓުތަކުގެ ހިދުމަތް ވަގުތީ ގޮތުން ހުއްޓާލާފައިވަނީ އެޕްރީލް 15 ވަނަ ދުވަހުން ފެށިގެންނެވެ. މި ކުންފުންޏަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ހޮޓެލް ޗެއިން އެވެ.


އެ ކުންފުނިން ހިންގާ ރިސޯޓްތަކުގެ ތެރޭގައި ހުރަވަޅި އައިލެންޑް ރިސޯޓާއި ކޮމަންޑޫ އައިލެންޑް ރިސޯޓް އަދި ކުޑަދޫ އައިލެންޑް ރިސޯޓާއި މީރު އައިލެންޑް ރިސޯތް އަދި ވެލިގަނޑު އައިލެންޑް ރިސޯޓާއި ވިލަމެންދޫ އަދި އިނަހުރާ ހިމެނެ އެވެ. އެނގިފައިވާ ގޮތުގައި މި ރިސޯޓުތައް ވެސް ހުޅުވުން ސެޕްޓެމްބަރު ކަމަށް ފަސްވުން ގާތެވެ.

ސަރުކާރުން ރާއްޖޭގެ ބޯޑަރު ހުޅުވާލަން ތައްޔާރު ވަމުންދަނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޓޫރިޒަމް ހުޅުވާލާއިރު، ރާއްޖޭގެ ހުރި 150 ރިސޯޓުގެ ތެރެއިން 37 ރިސޯޓެއް ޖުލައި މަހު ހުޅުވާނެ އެވެ.