ލައިފްސްޓައިލް

އުފަންވިއިރު އަތްފައި ނެތް ނަމަވެސް ސިއްހަތު ބަރާބަރު!

އުފަންވީއިރު އަތެއް ފަޔެއް ނެތް ކުއްޖެއްގެ ސިއްހަތު ރަނގަޅު ކަމުން ޑޮކްޓަރުން ހައިރާން ވެއްޖެ އެވެ. އިންޑިޔާގެ މަދްޔަ ޕްރަދޭޝްގެ ރަށެއްގެ ސަކްލާ އަވަށުގައި އުފަންވި މި އަންހެންކުއްޖާއަކީ ވަރަށް މަދުން ނޫނީ ނުފެންނަ ޖެނެޓިކް ޑިސްއޯޑާއެއްގެ ސަބަބުން އެއްގޮތަކަށް ވެސް އަތާއި ފައި އުފެދިފައި ނެތް ކުއްޖެކެވެ.

މި ކުއްޖާ ބެލި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު ސުރޭޝް އަގަރްވާލް އިނގިރޭސި ވިލާތުގެ ނޫހަކަށް ވިދާޅުވެފައިވާ ގޮތުގައި ކުއްޖާގެ އަތާއި ފައި ނެތުން ފިޔަވައި އިތުރު އެއްވެސް މައްސަލައެއް ނެތެވެ. ކުއްޖާގެ ސިއްހަތު މުޅިން ބަރާބަރެވެ.

މި ކުއްޖާއަށް ދިމާވެފައިވަނީ ޓެޓްރާ-އަމޭލިއާ ސިންޑްރޯމް ކިޔާ ޖެނެޓިކް ޑިސްއޯޑާ އެކެވެ. މި ކުއްޖާ ފެނުނު ގިނަ ޑޮކްޓަރުން ބުނެފައި ވަނީ އެމީހުންގެ ޑޮކްޓަރީ ހަޔާތުގައި ވެސް މިފަދަ ކުއްޖަކު ފެނުނު މިއީ ފުރަތަމަ ފަހަރު ކަމަށެވެ.

މިފަދަ ކުދިން މަދުން ނަމަވެސް ދުނިޔެއަށް އުފަންވެފައިވާކަން މެޑިކަލް ފޮތްތަކުން ފެންނަން ހުރި ކަމަށާއި ނަމަވެސް ގިނަ ކުދިންނަށް އިތުރު ސިއްހީ މައްސަލަތައް ކުރިމަތިވެފައި ހުންނަ ކަން ޑޮކްޓަރު ފާހަގަ ކުރެއްވި އެވެ. އެގޮތުން ގިނަ ކުދިންގެ ފުއްޕާމޭ ރަނގަޅަށް ތަރައްގީވެފައި ނުވާތީ ނޭވާލުމަށް ދަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ކުއްޖާގެ އިތުރު ޓެސްޓްތައް ހަދައި އެތެރެހަށީގެ ހުރިހާ ގުނަވަނެއް ފުރިހަމައަށް ތަރައްގީވެފައިވޭތޯ ޗެކް ކުރާނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.