ހަބަރު

ގޮވުމުގެ ތަހުގީގު ފުލުހުން ކުރާ ގޮތާ މެދު ސައުދީ ފޮރެންސިކް ޓީމުން ތައުރީފްކޮށްފި

Sep 29, 2015

އިއްޔެގެ ހާދިސާ ތަހުގީގު ކުރުމަށް ރާއްޖެ އައި ސައުދީގެ ފޮރެންސިކް ޓީމުން މި މައްސަލައިގައި ފުލުހުންގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވާ ގޮތަށް ތައުރީފް ކޮށްފި އެވެ.

ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދާ އެކު އެ ޓީމުން މިއަދު ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން ފުލުހުންގެ އޮފިޝަލް އޮންލައިން ޕޮލިސް ލައިފް އިން ބުނީ އެ ޓީމުން ވަނީ މިމައްސަލައިގެ ފުލުހުންގެ ތަހުގީގު މިހާތަނަށް ކޮށްފައިވާ މަސައްކަތަކީ ފާހަގަ ކުރެވޭފަދަ މުހިއްމު މަސައްކަތެއްކަން ފާހަގަ ކޮށްފައި ކަމަށެވެ. އަދި އެޓީމުގެ މެމްބަރުންގެ ލަޔާގަތާ ގާބިލިއްޔަތު ތަންދިން އެންމެ ފުރިހަމަ ގޮތެއްގައި ރާއްޖޭގެ ތަހުގީގު ޓީމާ އެކު މަަސައްކަތްކޮށް އެ ހާދިސާގެ ހިނގި ގޮތް ހޯދާނެ ކަމަށް އެ ޓީމުން ބުނެފައިވެ އެވެ. އެ ޓީމުންއަދި ބުނެފައިވާ ގޮތުގައި މިފަދަ ތަހުގީގެއްގައި ދިވެހިންނާއެކު މަސައްކަތްކުރަން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއްކަން ފާހަގަ ކުރައްވައި ސައުދީގެ ހުށަހެޅުމަށް ސަރުކާރުން އިޖާބަ ދެއްވީތީ ރައީސްއަށް ވަނީ ޝުކުރު ދަންނަވައިފަ އެވެ.

ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި މިއަދު މެންދުރުފަހު ބޭއްވި މިބައްދަލުވުމުގައި ކޮމިޝަނަރު ޙުސެން ވަނީ މިފަދަ އަވަސް ގޮތަކަށް ތަހުގީގަށް އެހީތެރިވުމަށް ފޮރެންސިކް ޓީމެއް ފޮނުއްވައިދެއްވިކަމަށްޓަކައި ސަޢުދީ ރަސްގެފާނަށާއި ސަޢުދީ ސަރުކާރުގެ ވެރިންނަށް ޝުކުރު އަދާ ކުރައްވާފަ އެވެ. އަދި މިޓީމު ރާއްޖެ އައިސް ވަގުތުން ވަގުތަށް މަސައްކަތް ފަށާފައިވާތީ އެކަމާ އުފާ ކުރައްވާކަން ކޮމިޝަނަރު ފާހަގަ ކުރެއްވި ކަމަށް ޕޮލިސް ލައިފް އިން ބުންޏެވެ.