ހަބަރު

5.5 ކިލޯ ޑްރަގާއެކު ހަ މީހަކު ހައްޔަރުކޮށްފި

Jun 30, 2020

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހަ މީހަކު ހައްޔަރުކޮށްފި އެވެ. އެމީހުން އަތުލައިގަތް އޮޕަރޭޝަން ހިންގާފައި ވަނީ ރޭގެ ވަގުތެއްގައި ކަނޑުމަތީގަ އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަ މީހުންގެ އަތުން އަތުލައިގެންފައިވަނީ 5.5 ކިލޯގެ ހެރޮއިން ކަމަށެވެ. އެ މަސްތުވާތަކެއްޗަކީ ގދ. ތިނަދޫއިން އައްޑޫ ސިޓީއަށް ސްޕީޑް ބޯޓެއްގައި ގެންދިޔަ މަސްތުވާތަކެތި ކަމަށް ހަމީދު ވިދާޅުވި އެވެ.

މި ކާމިޔާބު އޮޕަރޭޝަންގައި ހަރަކާތްތެރިވި އައްޑޫ ސިޓީގެ ފުލުހުންގެ ޓީމާއި އެމްއެންޑީއެފްގެ ޓީމަށް ހަމީދު ވަނީ ތައުރީފް ކުރައްވާފަ އެވެ.

ފުލުހުން ގެންދަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑެތި އޮޕަރޭޝަންތައް ހިންގަމުންނެވެ. މިފަހުން ވެސް އެކި އޮޕަރޭޝަންތަކުގައި ބޮޑެތި ނެޓްވޯކްތައް އަތުލައިގެންފައިވެ އެވެ. ހަމީދު ވިދާޅުވެފައިވާ ގޮތުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަންތަކަކީ ވަރަށް އިސްކަމެއްދޭ އޮޕަރޭޝަންތަކެކެވެ.