ވިޔަފާރި

އައްޑުއާ ކުޅުދުއްފުއްޓާ ދެމެދު މޯލްޑިވިއަން ދަތުރުތައް ފަށަނީ

Jun 30, 2020

މޯލްޑިވިއަން އިން އައްޑޫ އާއި ހދ. ކުޅުއްފުޓާ ދެމެދު ފްލައިޓްތައް ފަށަން ނިންމައިފި އެވެ.

މޯލްޑިވިއަން އިން ބުނި ގޮތުގައި ކޮވިޑް-19 އަށް ފަހު އަލުން ހުޅުވާއިރު، ސ. ގަމާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ފްލައިޓް ފަށަން ވަނީ ނިންމާފަ އެވެ. އެ ދެ މަންޒިލަށް ފްލައިޓްތައް ބާއްވަނީ ނިންމީ އިކޮނޮމިކް މިނިސްޓްރީގެ އެދުމަށް އެ ދެ ސަރަހައްދުގައި އިގްތިސޯދީ ހަރަކާތްތައް ފުޅާ ކުރާށެވެ.

މޯލްޑިވިއަނުން އައްޑު އާއި ކުޅުދުއްފުޓާ ދެމެދު ފަށާ ޝެޑިއުލް ފްލައިޓްގެ ޓިކެޓް ވިއްކަނީ ކޮޅަކަށް 1،444ރ. އަށެވެ. މި ފްލައިޓްތައް އޮންނާނީ ބުރާސްފަތި ދުވަހު ކުޅުދުއްފުށި ސިޓީން ގަމަށް، އަދި ހޮނިހިރު ދުވަހު އައްޑޫ ސިޓީގެ ގަމުން، ކުޅުދުއްފުއްޓަށެވެ. އަދި މި ދަތުރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ޓްރާންސިޓްކޮށް ތެޔޮ އަޅަން 20 މިނެޓު މަޑު ކުރާނެ އެވެ.

މީގެ އިތުރުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން ވެސް ޝެޑިއުލް ފްލައިޓްތައް ފަށާފަ އެވެ. އަދި ދަތުރުތައް އަލުން ފަށާއިރު އެއް އެއާޕޯޓުން އަނެއް އެެއާޕޯޓަށް ވެސް ދަތުރު ޝެޑިއުލް ކޮށްފައިވެ އެވެ. މިގޮތުން ދަތުރު ޝެޑިއުލްކޮށްފައި ވަނީ ދަރަވަންދޫ އާއި ހަނިމާދޫ އަދި ކައްދުއަށެވެ. އަދި އަލުން ދަތުރު ފަށާއިރު، އެ ކުންފުނީގެ އެޕާއި ވެބްސައިޓުން ވެސް ޓިކެޓު ވިއްކާނެ އެވެ.

މޯލްޑިވިއަނުން އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީ ގުޅާލާއިރު، މި ދެ ސިޓީއަކީ ރާއްޖޭގައި އިގްތިސޯދީ ހަރަކާތްތައް އެންމެ ގިނައިން ހިންގާ ދެ ސަރަހައްދެވެ. އަދި އައްޑޫ، ގަން އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ފްލައިޓް ނޭޅުމުގައި ގަމާއި އެހެން ސިޓީތައް ގުޅާލެވިފައި ނެތުމަކީ ވެސް ސަބަބެކެވެ.