ވިޔަފާރި

އެމްވީ ބަރޯސާއާއެކު މަސް ޕްރޮސެސް ކުރާ ބާޖެއް ވިއްކާލަނީ

Jun 30, 2020

ބީއެމްއެލް އިން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެން، އެމްވީ ބަރޯސާ ބޯޓާއި މަސް ޕްރޮސެސް ކުރާ ބާޖެއް އަދި އިތުރު ބޯޓެއް ވިއްކަން، އިއުލާނުކޮށްފި އެވެ.

ބީއެމްއެލް އިން ކޮށްފައިވާ އިއުލާނެއްގައި ވާ ގޮތުން، އައިއޯއެފް ޕްރައިވެޓް ލިމިޓެޑް އަށް ދޫކޮށްފައިވާ ޑިމާންޑް ލޯނަކަށް
ރަހުނު ކޮށްފައިވާ "ބާޖު އެމް.އެމް.ޕީ-1" ނީލަމުގައި ވިއްކާލަނީ 1.2 މިލިއަން ޑޮލަރަށެވެ. އަދި "ތަ ބޭސް-1" ގެ ނަން ދީފައިވާ ބޯޓު ވިއްކާލަނީ 1.5 މިލިއަން ޑޮލަރަށެވެ. މީގެ އިތުރުން ދެން ވިއްކާލަން އިއުލާނުކޮށްފައިވަނީ "އެމްވީ ބަރޯސާ" ބޯޓެވެ.

ދިގު މިނުގައި 83.89 މީޓަރު އަދި ފުޅާ މިނުގައި 13.62 މީޓަރު ހުންނަ، 1983 ވަނަ އަހަރު ބަނދެފައިވާ މި ބޯޓު ވިއްކާލަން ނީލަން ފެށޭ އަގަކީ 60،000 ޑޮލަރަށެވެ.

ސިވިލް ކޯޓުގެ ހުކުމުން ބާރު ލިބިގެން ބީއެމްއެލް އިން ވިއްކާލަން އިއުލާނުކޮށްފައިވާ އުޅަނދުތައް ނިސްބަތްވާ އައިއޯއެފް ޕްރައިވެޓް ލިމިޓެޑްއަކީ މަޝްރޫއު ވިޔަފާރިވެރިޔާ، އަލްމަރްޙޫމް މުޙައްމަދު މަނިކުގެ ކުންފުންޏެވެ.

އެމްވީ ބަރޯސާއަކީ ކުރިން ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން ބޭނުން ކުރި ބޯޓެވެ. އެ ބޯޓު ފަހުން ވަނީ އައިއޯއެފް ޕްރައިވެޓް ލިމިޓެޑް އަށް ވަނީ ވިއްކާލާފަ އެވެ. އަދި މި ބޯޓުގައި 2016 ވަނަ އަހަރު އަލިފާން ރޯވެ އެކަކު މަރުވި އެވެ. އަދި މި އަހަރު އެ ބޯޓު ފައްތިޔަ ކަނޑައިގެން ގޮސްގެން އޮޔާ ދަނިކޮށް ގެނެސްފައިވެ އެވެ.