ހަބަރު

ގޮވުމަކީ ރައީސްއަށް އަމާޒު ކުރި ހަމަލާއެއް ކަމަށް ބެލެވޭ: ދުންޔާ

Sep 30, 2015

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮވުމުގެ ހާދިސާ އަކީ ރައީސް އަބްދުﷲ ޔާމީންއަށް އަމާޒު ކުރެވުނު ހަމަލާއަކަށް ވެދާނެ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވި ކަމަށް އެމެރިކާގެ ބައެއް މީޑިއާތަކުން ބުނެފި އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދެކަނބަލުން ހޯމަ ދުވަހު މާލެ ވަޑައިގެންނެވި ރިޔާސީ ލޯންޗުކޮޅުގައި ހިނގި އެއްޗެއް ގޮވުމުގެ ހާދިސާ ގުޅޭ ގޮތުން އދ ގެ އާންމު ބައްދަލުވުމުގެ ހަވާސާގައި އެސޯސިއޭޓެޑް ޕްރެސް އަށް ދުންޔާ ވިދާޅުވި ކަމަށް، އެމެރިކާގެ އޭބީސީ ނިއުސް އިން ބުނީ ސަރުކާރުން މީގެ ކުރިން ބުނެފައިވާ ގޮތަށް ބަލާ އިރު އެ ހާދިސާ އަކީ ރައީސް ޔާމީންއަށް އަމާޒު ކުރެވުނު ހަމަލާއަކަށް ވެދާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ހަމަލާއިން ގެއްލުމެއް ނުލިބި ރައީސް ސަލާމަތްވުމަކީ ނަސީބެއް ކަމަށް ވެސް ދުންޔާ ސިފަކުރެއްވި ކަމަށް ނޫސްތަކުން ބުންޏެވެ.

"އެއްވެސް ފުރާނަޔަކަށް ގެއްލުމެއް ނުވެ، ލޯންޗުގައި ތިއްބެވި ބޭފުޅުންނަށް މާބޮޑު އަނިޔާތަކެއް ނުވޭ. އެއީ ބޮޑު ނަސީބެއް ރައީސްގެ ފުރާނަފުޅަށް އަމާޒުކޮށް ދިން ހަމަލާއަކީ ވަރަށް ގަބޫލުކުރަން ދަތި ގޮތަކަށް ދިން ހަމަލައެއް،" މިނިސްޓަރު ވިދާޅުވި ކަމަށް އޭބީސީގައިވެ އެވެ.

އެ މައްސަލަ ތަހުގީގު ކުރެވެމުން ދާކަން ފާހަގަ ކުރައްވަމުން ދުންޔާ ވިދާޅިވި ކަމަށް އެ ނޫހުގައި ބުނެފައި ވަނީ ބަޔަކު އެކަން ކުރި ނަމަ، އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށާއި އެ ބަޔަކު ހޯދައި އިންސާފުގެ ކުރިމަށްޗަށް ގެންނަންޖެހޭ ކަމަށެވެ. ދުންޔާ ވިދާޅުވި ކަމަށް ނޫސްތަކުގައި ވަނީ ރައީސަށް ދިން ހަމަލައަކީ ސިޔާސީގޮތުން އިނދިކޮޅު ފަރާތަކުން ދިން ހަމަލައެއްތޯ ނުވަތަ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ޖަމާއަތަކުން ދިން ހަމަލައެއްތޯ ބުނަން އަދި ދައްޗެވެ.

"ފުދޭ ވަރަށް މައުލޫމާތު އަދި ހޯދިފައި ނުވާ ކަމަކަށް މިކަން ވީ މިހެނޭ ދަންނަވައި ވަކި އެއްޗެއް ބުނަން ވަރަށް ދަތި. އެއީ ހަމަލައެއް ކަމަށް ވާނަމަ އެކަން ކޮށްފާނެ ގާބިލުކަން ހުރި ފަރާތްތައް ބައިވަރު،" އެކަމަނާ ވިދާޅުވި ކަމަށް ބުނެފައިވެ އެވެ.

މިދިޔަ ހޯމަ ދުވަހު ލޯންޗްގައި އެއްޗެއް ގޮވި ހާދިސާގައި ރައީސް އަބްދުﷲ ޔާމީނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް ފަސްޓް ލޭޑީ، މެޑަމް ފާތިމަތު އިބްރާގިމްގެ ބުރަކަށީގެ ކަށިތަކުގެ ފަސްތަނަކަށް އަނިޔާވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް އަންނަނީ ފަރުވާދެމުންނެވެ. މީގެ އިތުރުން ރައީސްގެ ސެކްރެޓަރީ އަދި ޕްރޮޓޮކޯލްގެ ވެރިޔާ ފާތުމަތު މުހައްމަދު ސޯލިހް (ފާތޭ) އަދި ރައީސްގެ ބޮޑީގާޑް އަބްދުއްނާސިރުގެ އެކި ތަންތަން ފިހި އަންނަނީ ފަރުވާދެމުންނެވެ.